ހައުސިންގް މިނިސްޓްރީ ހުންނަ އިމާރާތުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަމީނީމަގު ކަންމަތީގައި، ހައުސިންގް މިނިސްޓްރީ ހުންނަ އިމާރާތުގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާވިސަސް އިން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:00 ހާއިރެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާންގަނޑުގެ ސަބަބުން ވަރަށް ބޯ ދުންގަނޑެއް އެހިސާބަށް ފެތުރިފައިވެއެވެ.
އެ އިމާރާތަކީ އެއްބައި ދަގަނޑު ޓިނުން ހަދާފައި ހުންނަ އިމާރާތަކަށްވާތީ، އެބައިގައި ވަރަށް ބޮޑަށް ވަނީ ހުޅުހިފާފައެވެ. އެހެންކަމުން އިމާރާތް ސަލާމަތް ކުރެވިދާނެކަމާމެދު ސުވާލު އުފެދެއެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ފުރަތަމަ އަލިފާން ރޯވީ ހައުސިން މިނިސްޓްރީގެ ދޮރު ހުންނަ ހިސާބުގަ އެވެ.
މިހާދިސާއާ ގުޅޭގޮތުން އިތުރު ތަފްސީލު ލިބުނު ވަރަކުން ހިއްސާ ކުރައްވާނެކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.




