ހައުސިންގް މިނިސްޓްރީ ހުންނަ އިމާރާތުގައި ރޯވި އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގެ ހާލަތު ބެއްލެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސަރަހައްދަށް ވަޑައިގެންފިއެވެ.
މިއަދު ހެނދުނު އެއިމާރާތުގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލު ނުވާކަމުގައި އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.
އެގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހައުސިންގް މިނިސްޓްރީ ހުރި މުޅި އިމާރާތުގައި ވަނީ އަލިފާން ރޯވެފައި ކަމަށާއި މިވަގުތު މަސައްކަތް ކުރަމުންދަނީ ހުޅުގަނޑު އެހެން އިމާރާތްތަކަށް ފެތުރުނަ ނުދިނުމަށް ކަމަށެވެ.
އަމީނީމަގު ކަންމަތީގައި، ހައުސިންގް މިނިސްޓްރީ ހުންނަ އިމާރާތުގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާވިސަސް އާއި ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:00 ހާއިރެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާންގަނޑުގެ ސަބަބުން ވަރަށް ބޯ ދުންގަނޑެއް އެހިސާބަށް ފެތުރިފައިވެއެވެ.
އެ އިމާރާތަކީ އެއްބައި ދަގަނޑު ޓިނުން ހަދާފައި ހުންނަ އިމާރާތަކަށްވާތީ، އެބައިގައި ވަރަށް ބޮޑަށް ވަނީ ހުޅުހިފާފައެވެ. އެހެންކަމުން އިމާރާތް ސަލާމަތް ކުރެވިދާނެކަމާމެދު ސުވާލު އުފެދެއެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ފުރަތަމަ އަލިފާން ރޯވީ ހައުސިން މިނިސްޓްރީގެ ދޮރު ހުންނަ ހިސާބުގަ އެވެ.
މިހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ސަރަހައްދު މިހާރު ވަނީ އާންމު ޓްރެފިކަށް ބަންދު ކުރެވިފައި ކަމަށާއި އެހިސާބުގަނޑުގެ ގެތަކުން މީހުން ނެރުމުގެ މަސައްކަތް ވެސް ފުލުހުންނާއި ސިފައިން ކުރައްވަމުން ގެންދަވާ ކަމަށެވެ.



