ހައުސިންގް މިނިސްޓްރީ ހުންނަ އިމާރާތުގައި ހިނގާފައިވާ އަލިފާނުގެ ހާދިސާގެ ސަބަބުން ގެދޮރުވެރިޔާ ސްކީމާގުޅޭ އެއްވެސް މައުލޫމާތަކަށް އަސަރެއް ނުކުރާނެ ކަމުގައި އެ މިނިސްޓްރީން ބުނެފިއެވެ.
ހައުސިންގް މިނިސްޓްރީ ހުރި އިމާރާތުގައި ރޯވެ، މިއަދު ހެނދުނު 7:00 ހާއިރުން ފެށިގެން ހިނގި މިހާދިސާއާ ގުޅުވައިގެން ބައެއް ފަރާތްތަކުން މީސްމީޑިއާގައި ދަނީ ތަފާތު ގޮތްގޮތަށް ވާހަކަ ފަތުރަމުންނެވެ. އެގޮތުން މިހާދިސާއަކީ ފްލެޓު ލިސްޓު އާންމު ނުކުރަންވެގެން އެ މިނިސްޓްރީން ހިންގި އަމަލެއްކަމަށް ވެދާނެ ކަމަށާއި ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު މި އަލިފާނުގެ ހާދިސާގެ ސަބަބުން ގެއްލިގެން ގޮސްފި ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
މިފަދަ ވާހަކަތަކަށް ރައްދު ދެމުން އެ މިނިސްޓްރީން މީގެ ކުޑައިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީން ކުރަމުންގެންދާ ގެދޮރުވެރިޔާ ސްކީމާ ގުޅޭ މައުލޫމާތާއި ލިޔުންތަކަކީ ހައުސިންގް މިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތުތަކެއް ކަމަށްވާތީ، އަލިފާނުގެ މިހާދިސާގެ ސަބަބުން އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
މީގެއިތުރުން މިހާދިސާގައި އެމިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށާއި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުން ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އެމިނިސްޓްރީޏް ބުނެފައިވެއެވެ.
ހައުސިންގް މިނިސްޓްރީ ހުންނަ އިމާރާތުގެ އިތުރުން މި އަލިފާންގަނޑު ފެތުރި އެންވަޔަރަމަންޓް މިނިސްޓްރީ ހުންނަ އިމާރާތުގައި ވެސް ވަނީ ރޯވެފައެވެ
މިއަދު ހެނދުނު އެއިމާރާތުގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލު ނުވާކަމުގައި އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.
އެގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހައުސިންގް މިނިސްޓްރީ ހުރި މުޅި އިމާރާތުގައި ވަނީ އަލިފާން ރޯވެފައި ކަމަށާއި މިވަގުތު މަސައްކަތް ކުރަމުންދަނީ ހުޅުގަނޑު އެހެން އިމާރާތްތަކަށް ފެތުރުނަ ނުދިނުމަށް ކަމަށެވެ.
އަމީނީމަގު ކަންމަތީގައި، ހައުސިންގް މިނިސްޓްރީ ހުންނަ އިމާރާތުގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާވިސަސް އާއި ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާންގަނޑުގެ ސަބަބުން ވަރަށް ބޯ ދުންގަނޑެއް އެހިސާބަށް ފެތުރިފައިވެއެވެ.
އެ އިމާރާތަކީ އެއްބައި ދަގަނޑު ޓިނުން ހަދާފައި ހުންނަ އިމާރާތަކަށްވާތީ، އެބައިގައި ވަރަށް ބޮޑަށް ވަނީ ހުޅުހިފާފައެވެ. އެހެންކަމުން އިމާރާތް ސަލާމަތް ކުރެވިދާނެކަމާމެދު ސުވާލު އުފެދެއެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ފުރަތަމަ އަލިފާން ރޯވީ ހައުސިން މިނިސްޓްރީގެ ދޮރު ހުންނަ ހިސާބުގަ އެވެ.
މިހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ސަރަހައްދު މިހާރު ވަނީ އާންމު ޓްރެފިކަށް ބަންދު ކުރެވިފައި ކަމަށާއި އެހިސާބުގަނޑުގެ ގެތަކުން މީހުން ނެރުމުގެ މަސައްކަތް ވެސް ފުލުހުންނާއި ސިފައިން ކުރައްވަމުން ގެންދަވާ ކަމަށެވެ.




