ހައުސިންގް މިނިސްޓްރީ ހުންނަ އިމާރާތުގައި ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ގެ އާންމު ހިދުމަތްތައް ވަގުތީގޮތުން މެދުކެނޑިއްޖެއެވެ.
ހައުސިންގް މިނިސްޓްރީ ހުރި އިމާރާތުގައި ރޯވެ، މިއަދު ހެނދުނު 7:00 ހާއިރުން ފެށިގެން ހިނގި މިހާދިސާގައި އެ މިނިސްޓްރީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އެންވަޔަރަމަންޓު މިނިސްޓްރީ ހުންނަ އިމާރާތުގައި ވެސް ވަނީ އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދާފައެވެ.
މިހާދިސާއާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީން މީގެ އިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލިފާނުގެ މިހާދިސާގެ ސަބަބުން އެ މިނިސްޓްރީ ހިންގާ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެމިނިސްޓްރީން ދެމުންގެންްދާ އާންމު ހިދުމަތްތައް ވަގުތީގޮތުން މެދުކެނޑިފައިވާ ކަމަށެވެ. އަދި މި ހިދުމަތްތައް އަލުން ފެށޭނެ ތާރީހެއް ކަނޑައެޅުމަށްފަހު އެކަން މިނިސްޓްރީން ވަގުތުން އިއުލާނު ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އަލިފާނުގެ މިހާދިސާއާ ގުޅިގެން އެ މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވެއެވެ.
މިއަދު ހެނދުނު އެއިމާރާތުގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލު ނުވާކަމުގައި އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.
އެގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހައުސިންގް މިނިސްޓްރީ ހުރި މުޅި އިމާރާތުގައި ވަނީ އަލިފާން ރޯވެފައި ކަމަށާއި މިވަގުތު މަސައްކަތް ކުރަމުންދަނީ ހުޅުގަނޑު އެހެން އިމާރާތްތަކަށް ފެތުރުނަ ނުދިނުމަށް ކަމަށެވެ.
އަމީނީމަގު ކަންމަތީގައި، ހައުސިންގް މިނިސްޓްރީ ހުންނަ އިމާރާތުގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާވިސަސް އާއި ފުލުހުން އަދި އެމްއޭސީއެލްގެ ފަޔަރ ފައިޓާސް ވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާންގަނޑުގެ ސަބަބުން ވަރަށް ބޯ ދުންގަނޑެއް އެހިސާބަށް ފެތުރިފައިވެއެވެ.
އެ އިމާރާތަކީ އެއްބައި ދަގަނޑު ޓިނުން ހަދާފައި ހުންނަ އިމާރާތަކަށްވާތީ، އެބައިގައި ވަރަށް ބޮޑަށް ވަނީ ހުޅުހިފާފައެވެ. އެހެންކަމުން އިމާރާތް ސަލާމަތް ކުރެވިދާނެކަމާމެދު ސުވާލު އުފެދެއެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ފުރަތަމަ އަލިފާން ރޯވީ ހައުސިން މިނިސްޓްރީގެ ދޮރު ހުންނަ ހިސާބުގަ އެވެ.
މިހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ސަރަހައްދު މިހާރު ވަނީ އާންމު ޓްރެފިކަށް ބަންދު ކުރެވިފައި ކަމަށާއި އެހިސާބުގަނޑުގެ ގެތަކުން މީހުން ނެރުމުގެ މަސައްކަތް ވެސް ފުލުހުންނާއި ސިފައިން ކުރައްވަމުން ގެންދަވާ ކަމަށެވެ.


