ހައުސިންގް މިނިސްޓްރީ ހިނގާ އިމާރާތުގައި މިއަދު ރޯވި އަލިފާންގަނޑުގެ ސަބަބުން މާލެ ސިޓީ ކައުންސިލުގެ ބައެއް ލިޔެކިޔުންތައް އަނދައިފި ކަމަށް އެ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖއެވެ.
މިއަދު ހެނދުނު 7:00 ހާއިރު ހައުސިންގް މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގާ އިމާރާތާއި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގާ އިމާރާތުގައި ވެސް ވަނީ އަލިފާން ރޯވެފައެވެ. އަދި ހައުސިންގް މިނިސްޓްރީ ހިންގާ އިމާރާތުގައި މާލޭ ސިޓީ ކައުންސިލުގެ ބައެއް ވެސް ހިންގާތީ، އެ ކައުންސިލު އޮފީހަށް ވެސް ވަނީ އަލިފާންގަނޑުގެ ސަބަބުން ގެއްލުންތަކެއް ވެފައެވެ.
އެގޮތުން ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވީ ރޯވި އަލިފާންގަނޑު މިހާރު ފުދޭވަރަކަށް ކޮންޓްރޯލު ވެފައިވާ ކަމަށާއި އެހެންނަމަވެސް މިހާދިސާގެ ސަބަބުން ކައުންސިލު އިދާރާގެ ބައެއް ލިޔެކިޔުންތައް އަނދާފައިވާ ކަމަށެވެ.
”ބައެއް ޑޮކިއުމެންޓްސް އަނދައިފި. މިހާރު ކުރަމުން މިދަނީ ނާނދާ ހުރި ޑޮކިއުމެންޓްސް ރިކަވާ ކުރުމުގެ މަސައްކަތާއި އެނދީ ކޮން ޑޮކިއުމެންޓުތަކެއްތޯ ދެނެގަތުމުގެ މަސައްކަތް“ ނަރީޝް ވިދާޅުވިއެވެ.
މިހާދިސާގެ އަދާހަމައެއް ”ސައުވީސް“ އަށް ދެއްވަމުން އެމްއެންޑީއެފް އިން ވިދާޅުވީ، ރޯވި އަލިފާންގަނޑުގެ 90 ޕަސެންޓު މިހާރު ކޮންޓްރޯލުވެފައިވާ ކަމަށާއި ނަމަވެސް ރޯވި އިމާރާތްތަކުގެ އެތެރޭގައި އަދިވެސް ހުޅު ހުރި ކަމަށެވެ.
”100 ޕަސެންޓު ކޮންޓްރޯލުވި ކަމަކަށް އަޅުގަނޑުމެންނަކަށް އަދިއެއް ނުބުނެވޭނެ. ސަބަބަކީ އެތެރޭގައި އަދިވެސް ހުޅު ހުރީމަ އިތުރަށް ހަމަ ރޯވެދާނެ ކަމުގެ ފުރުސަތުވެސް އޮތުމާއެކީ. އެއްކޮށް ކޮންޓްރޯލުވާން އަދި ވަގުތު ނަގާފާނެ“ އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު މިއަދު ހެނދުނު ވިދާޅުވީ ހައުސިންގް މިނިސްޓްރީ ހުރި މުޅި އިމާރާތުގައި ވަނީ އަލިފާން ރޯވެފައި ކަމަށާއި މިވަގުތު މަސައްކަތް ކުރަމުންދަނީ ހުޅުގަނޑު އެހެން އިމާރާތްތަކަށް ފެތުރުނަ ނުދިނުމަށް ކަމަށެވެ.
އަމީނީމަގު ކަންމަތީގައި، ހައުސިންގް މިނިސްޓްރީ ހުންނަ އިމާރާތުގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާވިސަސް އާއި ފުލުހުން އަދި އެމްއޭސީއެލްގެ ފަޔަރ ފައިޓާސް ވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާންގަނޑުގެ ސަބަބުން ވަރަށް ބޯ ދުންގަނޑެއް އެހިސާބަށް ފެތުރިފައިވެއެވެ.
އެ އިމާރާތަކީ އެއްބައި ދަގަނޑު ޓިނުން ހަދާފައި ހުންނަ އިމާރާތަކަށްވާތީ، އެބައިގައި ވަރަށް ބޮޑަށް ވަނީ ހުޅުހިފާފައެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ފުރަތަމަ އަލިފާން ރޯވީ ހައުސިން މިނިސްޓްރީގެ ދޮރު ހުންނަ ހިސާބުގަ އެވެ.
މިހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ހެނދުނު ވިދާޅުވީ، އެ ސަރަހައްދު މިހާރު ވަނީ އާންމު ޓްރެފިކަށް ބަންދު ކުރެވިފައި ކަމަށާއި އެހިސާބުގަނޑުގެ ގެތަކުން މީހުން ނެރުމުގެ މަސައްކަތް ވެސް ފުލުހުންނާއި ސިފައިން ކުރެއްވި ކަމަށެވެ.




