ސައުތު އިންޑިއަން ފިލްމުތަކުން އާންމުންގެ މެދުގައި މަގުބޫލުކަމެއް ހޯދާފައިވާ އައްލޫ އަރްޖުން، ކަފާލާތުގެ ދަށުން މިއަދު ހެނދުނު ޖަލުން ދޫކޮށްލައިފިއެވެ.
”ޕުޝްޕާ“ ފިލްމުގައި ދައްކުވައިދީފައިވާ މޮޅު އެކްޓިންގެ ސަބަބުން މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުން ހޫނު ތަރުހީބެއް ލިބެމުންދިޔަ އައްލޫ އަރްޖުން އިއްޔެ ހައްޔަރު ކުރީ، މި މަހުގެ 4 ވަނަ ދުވަހު ”ޕުޝްޕާ – 2: ދަ ރޫލް“ ފިލްމުގެ ސްކްރީންގް ހައިދަރްއާބާދުގެ ތިއޭޓަރެއްގައި އެޅުވުމުން، އެތަނުގައި ހިނގި މަރުގެ ހާދިސާއަކާ ގުޅިގެންނެވެ.
ހައިދަރްއާބާދުގެ ސަންދްޔާ ތިއޭޓަރުގައި އިއްޔެ މި ފިލްމު ސްކްރީން ކޮށްފައިވާއިރު، ފިލްމުގެ ލީޑް ރޯލު ކުޅުނު އައްލޫ އަރްޖުން ވެސް އެ ތިއޭޓަރަށް ދިޔައެވެ. އެހެންކަމުން އޭނާ ދެކުމަށް ތިއޭޓަރުގެ އެތެރެއިންނާއި ބޭރުގައި ވެސް ގިނަ އަދަދެއްގެ މީހުން އެއްވި ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ފިލްމު ސްކްރީންކޮށް ނިމުމުން އައްލޫ އަރްޖުންގެ ފަހަތުން ގިނަ ބަޔަކު ދުއްވައިގަތުމުގެ ސަބަބުން އެއްބަޔަކު ވެއްޓި އަނިޔާތަކެއް ލިބުނު ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އޭގެތެރޭގައި އުމުރުން 39 އަހަރުގެ ރިވާތީ ނަމަކަށް ކިޔައި އަންހެނަކާއި އޭނާގެ ފިރިހެން ދަރިފުޅު ވެސް ހިމެނެއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި އައްލޫ އަރްޖުންގެ ފަހަތުން އެންމެން ދުއްވައިގަތުމުގެ ސަބަބުން ރިވާތީ އާއި އޭނާގެ ދަރިފުޅު ވެއްޓި އެމީހުންގެ ފައިދަށުވީއެވެ. އަދި އެތައް ބަޔަކު އެމީހުންގެ ގައިމަތިން ދިޔުމުގެ ސަބަބުން ބޮޑެތި ޒަހަމްތަކެއް އެމީހުންނަށް ވަނީ ލިބިފައެވެ.
އެވަގުތު އެތަނަށް ފުލުހުން ވެސް ދިޔަކަމަށާއި ރިވާތީ އާއި އޭނާގެ ދަރިފުޅަށް ސީޕީއާރް ދިނުމަށްފަހު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް ރިވާތީ ވަނީ ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ރިވާތީގެ މަރުގެ ހާދިސާއާ ގުޅިގެން އިއްޔެ އައްލޫ އަރްޖުންއާއި އެ ތިއޭޓަރުގެ ވެރިމީހާ ހައްޔަރު ކުރުމަށްފަހު މިއަދު ކަފާލާތުގެ ދަށުން ދޫކޮށްލުމުން އޭނާ ވަނީ މީޑިއާތަކާ ބައްދަލުކޮށް، ފުރަތަމަ ފަހަރަށް މިހާދިސާއާ ގުޅޭގޮތުން ބަޔާނެއް ދީފައެވެ. އެގޮތުން އޭނާ ބުނީ އޭނާއަކީ 20 އަހަރު ވަންދެން ތިއޭޓަރަށް ގޮސް އައިސް ހެދި މީހެއް ކަމަށާއި އޭގެ އިތުރުން ގާނޫނާއި ގަވާއިދުތަކަށް އަބަދުވެސް ބޯލަނބާނެ މީހެއް ކަމަށެވެ. އަދި މަރުވި އަންހެން މީހާގެ އާއިލާގެ ހިތާމައިގައި އަދިވެސް ބައިވެރިވާ ކަމަށާއި ތަޢުޒިޔާ ކިޔާ ކަމަށް ވެސް ބުންޏެވެ. މީގެއިތުރުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދެވުނު މިންވަރަކުން ރިވާތީގެ އާއިލާއަށް އަބަދުވެސް އެހީތެރިވާނެ ކަމަށް ވެސް ބުންޏެވެ.


