ބޮލީވުޑުގެ ކުރީގެ މަޝްހޫރު ”ލަވްބާޑްސް“ ކަމުގައިވާ ކަރީނާ ކަޕޫރު ޚާން އާއި ޝާހިދު ކަޕޫރު މިދިޔަ ހަފުތާގައި ޖައިޕޫރުގައި ބޭއްވުނު ހަފްލާއެއްގައި ބައްދަލުވެ ވާހަކަދައްކައިފިއެވެ.
މި ދެ ތަރިން ބައްދަލުވެ ވާހަކަދެއްކި މަންޒަރު ފެނުމުން ގިނަ ފޭނުން ތިބީ ހައިރާންވެފައެވެ. އެއީ މީގެ ކުރިންވެސް ހަފްލާތަކުގައި ބައްދަލުވިނަމަވެސް ވާހަކަ ނުދައްކާ ދެ ތަރިންކަމުގައި ވީމައެވެ.
މި ދެ ތަރިންގެ ބައްދަލުވުން ވެގެންދިޔައީ އެ ހަފްލާގެ އެންމެ ފާހަގަކޮށްލެވުނު އެއް ކަމަށެވެ.
2007 ވަނަ އަހަރު ވަކިވުމުގެ ކުރިން ކަރީނާ އާއި ޝާހިދަކީ ބޮލީވުޑްގެ އެންމެ މަޤްބޫލު އަދި ލޯބިވެވުނު ސްކްރީން ކަޕުލްސްގެ ތެރެއިން އެއް ކަޕުލްއެވެ. ދެމީހުން އެކުގައި ގިނަ ފިލްމްތަކެއް ވެސް ވަނީ ކުޅެވިފައެވެ. އެ ދުވަސްވަރު އެ ދެ ތަރިންގެ ގުޅުމަށް ފޭނުންނާއި މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނެވެ.
އެތައް އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވީ ނަމަވެސް، މި ދެތަރިއާއި ގުޅޭ ކޮންމެ ޚަބަރަކަށް، އަދިވެސް ފޭނުންގެ ޝައުގުވެރިކަން އުފެދެއެވެ. ސަބަބަކަށް ވަނީ ކުރިން މި ދެތަރިންނަކީ ހަގީގީ ދިރިއުޅުމުގައިވެސް ލޯބީގެގޮތުން ގުޅުނު ދެތަރިން ކަމުގައި ވީމައެވެ.
މި ދެ ތަރިންގެ ކުރީގެ ލޯބީގެ ގުޅުން ގިނަ ބައެއްގެ ހިތުގައި އަދިވެސް ޚާއްސަ ގޮތެއްގައި އޮވެއެވެ.
ވަކިވުމަށްފަހު ސްކްރީނުގައިވެސް މަދުން ނޫނީ އެކުގައި ނުފެންނަ މި ދެ ތަރިން މިދިޔަ ހަފުތާގައު ބައްދަލުވެ ވާހަކަދެއްކި މަންޒަރު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވަނީ ވައިރަލްވެފައެވެ.



