ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް ބަހާ މަސްދަޅުކޭސް މި މަހުގެ 11 އިން ފެށިގެން ދޫކުރާނީ މިފްކޯގެ ފިހާރަތަކުން އެކަނި ކަމުގައި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވަމުން މިނިސްޓަރ އާދަމް ޝަރީފު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް އައި އިރު މާލެ ސަރަހައްދުގައި 48،000 ގޭބިސީއަކަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިވާ ކަމަށެވެ.
އެގޮތުން މިރެއާއި މާދަމާ ރޭ، މިހާރެކޭ އެއްގޮތަށް 13 މަރުކަޒެއްގައި ރޯދަ ހަދިޔާ ދޫކުރުން ކުރިއަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
”ގިނަ ފަރާތްތަކަކަށް ރޯދަ ހަދިޔާ ދޫކުރެވިފައިވުމާއެކު، މާޗް 11 ވަނަ ދުވަހުން ފެށިގެން، ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުން. މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރަ ހުޅުވިފައި ހުންނަ ގަޑި ތަކުގައި ދޫކުރުން ކުރިޔަށްދާނެ“ މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް 11 ވަނަ ދުވަހުން ފެށިގެން ބަދަލުވީ ނަމަވެސް، ދޫކުރުން ކުރިޔަށްދާނީ މިހާރެކޭ އެއްގޮތަށް، އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިން ކަމަށާއި މަސްދަޅުކޭސް ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބެންދެން އެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.




