ހުޅުމާލެ ދެވަނަ ފިޔަވަހީ ގައި ތެޔޮ ޓޭންކުތައް ހެދުމަށް އެމްޓީސީސީ އާއި ސްޓެލްކޯ އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެމްޓީސީސީއިން މިރޭ ”އެކްސް“ ގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، ދެވަނަ ފިޔަވަހީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ޓޭންކުތަކުގެ ސަބަބުން، ކަރަންޓުގެ ބޭނުން އެންމެ މަތިވާ ވަގުތު ތަކުގައި ސްޓެލްކޯއިން ޚިދުމަތް ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުވެ، ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓަޔަރޑް) ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ އެވެ.
އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.



