އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރަން ނިންމުމަށްޓަކައި އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެންނަންޖެހޭ ކަމަށާއި އެކަން މިހާރު އޮތީި ދިރާސާ ކުރުމުގެ މަރުހަލާގައި ކަމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޚަލީލް މިހެން ވިދާޅުވެފައިވަނީ، އިޒްރޭލު ޕާސްޕޯޓު ހިފެހައްޓަން 2 ޖޫން 2024 ގައި ނިންމި ނިންމުން ތަންފީޒު ނުކުރެވިފައިވަނީ ކީއްވެތޯ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
ފޮރިން މިނިސްޓަރުގެ ޖަވާބު މަޖިލީހުގެ ޖަލްސާގައި މިއަދު ވަނީ އިއްވަވާދެއްވާފައެވެ.
އެގޮތުން މިނިސްޓަރ ޚަލީލް ވިދާޅުވެފައިވަނީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާ ކުރުމަށް ނިންމަވާފައި އެވާ ނިންމެވުމަކީ، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަަށް އެތެރެވުން ހުއްޓުވުމަށްޓަކައި އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު 2 ޖޫން 2024 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ.
”އެ ނިންމެވުން ތަންފީޒު ކުރަން ޤާނޫނުގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެންނަން ޖެހޭ. އެ ޤާނޫނަަށް ހުށަހަޅާފައިވާ އިސްލާހު މިވަގުތު އޮތީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި، ކަމާގުޅުންހުރި އެކިއެކި ފަރާތްތަށް ހާޒިރުކޮށް ދިރާސާ ކުރުމުގެ މަރުހަލާގައި. މި ދެންނެވި އިސްލާހު ޤާނޫނަކަށްވުމާއެކު ސަރުކާރުގެ ނިންމުން ތަންފީޒު ކުރުމަށް މަގުފަހިވެގެންދާނެ“ މިނިސްޓަރ ޚަލީލް ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރުން މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓަރ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް، އެފަދަ އަމަލުތައް ހުއްޓާލުމަށް ގޮވާލައި ބައިނަލްއަގުވާމީ މަސްރަހުގެ ސަމާލުކަމަށް އެކަންކަން ގެނައުމަށް ދިވެހި ސަރުކާރުން ދަނީ އެކި ފޯރަމްތަކުގައި އެކުވެރި ޢަރަބި ޤައުމުތަކާއެކު ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.




