މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 23.9 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ ހަފްތާގައި 232 ދޯންޏަކުން މަސްކިރުވާފައިވެއެވެ.
މިފްކޯއިން ބުނިގޮތުގައި އެހަފްތާގައި އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހު ކިރުވި މަހަށް ކަމަށްވާއިރު، އެދުވަހު 40 މަސްދޯންޏަކަށް 7.5 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދާއި އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންދާއިރު، މިއަހަރުގެ ފެބްރުއަރީ މަހު 120 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ ޖަނަވަރީ މަހާ އަޅާބަލާއިރު 2.6 އިންސައްތަ އިތުރު އަދަދެކެވެ.
ފަހުގެ ތާރީޚެއްގައި އެންމެ ގިނަ މަސް ކިރުވީ ފެބްރުއަރީ 12 ވަނަ ދުވަހު ކަމަށްވާއިރު، އެދުވަހު 546 ޓަނުގެ މަސް ކިރުވައި، 48 މަސްދޯންޏަކަށް 7.6 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް ހެދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.




