ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކޮށް ބެންޗު ކުޑަ ކުރާ ބިލު މަޖިލީހުން ބޭރުކޮށްލަން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މިރޭ ގޮވާލައްވައިފި އެވެ.
އަޒާން އެކްސް ގައި މިރޭ ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާ މެދު އަލުން ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި ކަމަށާއި، އެއީ ފުރަތަމަ ދުވަހުވެސް މި ބިލާ މެދު އަޒާންގެ ވިސްނުން ހުރިގޮތް ކަމަށެވެ.
”މި ބިލަކީ ޤާނޫނު އަސާސީ އާއި ޚިލާފު ބިލެއް. އަޅުގަނޑުގެ އުންމީދަކީ ރައީސް އެދިލެއްވި ގޮތަށް މަޖިލީހުގެ މެމްބަރުން އަލުން ވިސްނަވައި މި ބިލު މަޖިލީހުން ބޭރުކޮށްލުން.“ އަޒާން ވިދާޅުވި އެވެ.
މި ބިލާ މެދު އަލުން ވިސްނެވުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ މަޖިލީހަށް ބިލު ފޮނުއްވީ މިއަދެވެ.
ރައީސް އޮފީހުން މިރޭ މައުލޫމާތު ދެއްވި ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 5 ވަނަ އިސްލާޙް ގެނައުމުގެ ބިލު، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.
މި އަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި ފާސްކުރެވުނު މި ބިލް ފާސްވެފައި ވަނީ މަޖިލީހުގެ 68 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް 9 މެންބަރުން ވަނީ ބިލް ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ބަދަލުވަމުން އައި ގޮތަށް ބަލާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކޮށްފައިވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަލުން އެ އަދަދު ވަނީ ހަތަކަށް އިތުރުކުރެވިފައެވެ.



