ޒަމާނީ ވަޞީލަތްތަކާއެކު ކުޅުދުއްފުށީގައި ޓިވެޓް ސެންޓަރަކާއި ރ. ދުވާފަރުގައި ދަރިވަރުންގެ ދަނާލެއް ހަދަން ދެ ކުންފުންޏަކާ ހަވާކޮށްފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހިންގާ މި ދެ މަޝްރޫއުގެ ތެރެއިން ކުޅުދުއްފުށީ ޓިވެޓް ސެންޓަރު ހަދަން ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އެވެ. އަދި ރ. ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ހަދަން ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނާއެވެ.
ކުޅުދުއްފުށީގައި އިމާރާތްކުރެވޭ ޓިވެޓް ސެންޓަރަކީ 35،777.88 އަކަފޫޓުގެ ބިމެއްގައި އިމާރާތްކުރެވޭ ތަނެކެވެ. މި އިމާރާތުގައި ތަޢުލީމީ ބޭނުންތަކަށް 7 ކްލާސްރޫމާއި، އައިސީޓީ ލެބޯޓަރީއާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއް ހިމެނެއެވެ. މީގެ އިތުރުން އިދާރީ އަދި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްސަ އޭރިއާތަކާއި، ސްޓާފް ރޫމް، އޮޑިޓޯރިއަމް، މީޓިންގ ރޫމްތައް، ސްޓަޑީ ރޫމްތަކާއި ލައިބްރަރީއެއް ހިމެނެއެވެ.
ދަރިވަރުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި 32 ޝެއަރިންގ ކޮޓަރި ހިމެނޭ ދަނާލެއް ހުންނާނެއެވެ. އަދި ދަރިވަރުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށް ކިޗަނަކާއި ޑައިނިންގ އޭރިއާއެއްގެ އިތުރުން، ލޯންޑްރީގެ ޚިދުމަތްވެސް ލިބެން ހުންނާނެއެވެ. ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ޖިމަކާއި އެކްޓިވިޓީ އޭރިއާއެއްވެސް ހިމެނިފައިވެއެވެ.
މިފަދަ މަޝްރުޢޫތަކުގެ ސަބަބުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެގޮތަށް، ދަނާލުގެ ޚިދުމަތާއެކު ތަރައްޤީ ކުރެވޭ މިފަދަ އިންސްޓިޓިއުޓަކުން ރަށުން ބޭރުން އަންނަ ދަރިވަރުންނަށް އަތޮޅުތެރޭގައި ތިބެގެން ފަސޭހަކަމާއެކު، ފެންވަރު ރަގަޅު ޓެކްނިކަލް ޓްރެއިނިންގ އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ.



