އަންހެނުންގެ ދުވަހާއި ގުޅުވައިގެން މޯލްޑިވްސް އިމިގްރޭޝަންގެ އަންހެން އޮފިސަރުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން އެކްސްގައި މިރޭ ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އިމިގްރޭޝަނުގެ އަންހެން އޮފިސަރުން ވަނީ އިއްޔެ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ބިދޭސީން ދިރިއުޅޭ ބައެއް ތަންތަން ބަލައި ފާސްކޮށްފައި ކަމަށެވެ.
އޭގެތެރޭގައި ބަލައިފައިވަނީ، ބިދޭސީންނަށް ހާއްސަ އެކޮމޮޑޭޝަން ބްލޮކަކާއި، ކެފޭއަކާއި، ހުޅުމާލޭގެ ފިހާރައެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި މި ރެއިޑް އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް އުޅޭ 17 ބިދޭސީއަކު އަތުލައިގެންފައިވެއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ފަށާފައިވާ ޚާއްޞަ އޮޕަރޭޝަންގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކުރެވިފައިވެއެވެ. މި ގޮތުން މާލެ އާއި ހުޅުމާލެއިން ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.
އިމިގްރޭޝަނުން ދޭ މަޢުލޫމާތުގައިވާ ގޮތުން، މިހާތަނަށް 5،000 އަށް ވުރެ ގިނަ ބިދޭސީން ޑިޕޯޓްކުރެވިފައިވެއެވެ. އަދި މި އޮޕަރޭޝަން ކުރިއަށް އޮތް ތަނުގައިވެސް ދެމިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.




