ޕާކިސްތާނުގެ ބަލޫޗިސްތާން ސަރަހައްދުގައި ބަލޫޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ހައިޖެކްކުރި ރޭލަކުން 300 އަށްވުރެ ގިނަ ރަހީނުން ސަލާމަތްކޮށް، 50 މިލިޓަންޓުން މަރާލައިފިއެވެ.
މި އޮޕަރޭޝަންގައި ޕާކިސްތާނު ސިފައިންނާއި އަދި ރަހީނުންގެ ތެރެއިންވެސް ގިނަ އަދަދެއްގެ މީހުން ޝަހީދުވެފައިވާކަމަށް ރިޕޯޓުތައް ދައްކައެވެ.
އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި ބޯލާން ޑިސްޓްރިކްޓްގެ މުޝްކާފް އޭރިއާގައި ހައިޖެކްކުރި ޖައުފަރ އެކްސްޕްރެސް ނަމަކަށް ކިޔާ ރޭލެގައި ތިބި 450 އަށްވުރެ ގިނަ ފަސިންޖަރުން ރަހީނުކުރިއެވެ. ރަހީނުންގެ ތެރޭގައި ސިފައިންނާއި، ފުލުހުންނާއި، އައިއެސްއައި އިންޓެލިޖެންސް އޭޖެންސީގެ މެންބަރުން ހިމެނޭކަމަށް ވެއެވެ.
މިލިޓަންޓުން ވަނީ އޮޕަރޭޝަން ފެށުމުގެ ކުރިން އަންހެނުންނާއި ކުޑަކުދިން ދޫކޮށްލާފައެވެ. އަދި އެމީހުންގެ ޝަރުތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ޕާކިސްތާނުގެ ޖަލުތަކުގައި ތިބި ބަލޫޗް ސިޔާސީ ގައިދީން 24 ގަޑިއިރުގެ ތެރޭގައި ދޫކޮށްލުމަށެވެ.
މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ޕާކިސްތާނު ސަރުކާރުން ވަނީ އެ ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.
އަދި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ މިލިޓަންޓުން މަރުވެފައިވާކަމަށް ސަރުކާރުގެ ފަރާތުން ބުނެފައިވެއެވެ.




