މާލެ ސިޓީ ކައުންސިލުން މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ގަސް އިންދައި ފެހިކޮށް ރީތިކުރުމުގެ މަސައްކަތުގެ ތެރެއިން މިއަދު ވިލިމާލޭގައި ގަސް އިންދައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީގެ، އެކި ސަރަޙައްދުތަކުގައި، ގަސް އިންދައި ފެހިކޮށް ރީތިކުރުމާއި، އިންދާފައިވާ ގަސްތައް، ރީތިކުރުމަށް ގަސްކޮށައި، ހެދުމަކީ، މާލެ ސިޓީ ކައުންސިލުން ވަރަށް އިސްކަން ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
ވިލިމާލޭގައި، ގަސް އިންދުމަށް ޚާއްޞަކުރެވިފައިވާ، ގަސްވަޅުތަކުގައި ގަސް ނުއިންދައި، ޒަމާން ތަކެއް ވެފައި ވަނިކޮށް، އެ ގަސްވަޅުތަކުގައި މިހާރުވާނީ ގަސް އިންދަން ފަށައިފައި ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އެގޮތުން ސިޓީ ކައުންސިލުން މިއަދު ވަނީ ވިލިމާލެގެ 70 ގަސްވަޅުގައި، މޭވާ އަޅާ ގަސް އިންދައި، 60 ގަސްވަޅުގައި މާ ގަސް އިންދާފައެވެ.
މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މި މަސައްކަތަކީ ރަށުގެ ތިމާވެށި ރައްކާތެރިކޮށް، ރައްޔިތުންނަށް ފެހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައި ފާހަގަކުރެވެއެވެ.



