ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި 75 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ރޭ އިސްކަންދަރު ބިލްޑިންގގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)، ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެކު މި މަޝްރޫޢުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން އެމްޓީސީސީން 15 ރަށެއްގައި، އާރްޑީސީއިން 20 ރަށެއްގައި އަދި ފެނަކައިން 40 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް އަޙްމަދު ސަޢުދީއެވެ.
އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙެވެ.
މި މަޝްރޫއުގެ ދަށުން ތަރައްޤީކުރެވޭ އިމާރާތްތަކުގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ސަރަހައްދީ ފެންވަރުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތަކާއި، އަތޮޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތައް ހިމެނެއެވެ.
މީގެ އިތުރުން، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް އަލުން ފެށުމަށާއި ތަރައްގީކުރުމަށް ޕޮލިސް ސްޓޭޝަންތައް ގާއިމްކުރުމާއި، ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްގީކުރުންވެސް ހިމެނެއެވެ.
މި މަޝްރޫއު ނިމުމުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ރަށުގައި ފުލުހުންގެ އަމިއްލަ، ޒަމާނީ މަރުކަޒުތައް ހުންނާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.



