މާލޭގެ ގެއެއްގައި ގަވާއިދާ ޚިލާފަށް ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވަރީކުރުމުގެ ވިޔަފާރި ކުރި ތިން ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ބުނީ، މިމަހުގެ ފަސް ވަނަ ދުވަހު އިމިގްރޭޝަން ވޮޗަށްކުރި ރިޕޯޓަކާއި ގުޅިގެން ރޭ މ. ހަރމަނީ ބަލައި ފާސްކޮށްފައިވާ ކަަމަށެވެ.
އިމިގްރޭޝަނަށް ކުރި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ގޭގެ ފުރަތަމަ ފަންގިފިލާގައި ރޭގަނޑު 9 އިން ފެށިގެން މެންދަމު 2 އާ ހަމައަށް ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީކުރުމުގެ ވިޔަފާރި އޮންލައިންކޮށް ކުރަމުން ގެންގޮސްފައިވެ އެވެ.

އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ ތިން ބިދޭސީން މަސައްކަތް ކުރަމުން ދިޔައީ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން ބުނީ އެ ބިދޭސީން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.



