ފަޤީރުންގެ ދަފްތަރުގައި އޮޅުވާލައިގެން މަޢުލޫމާތު ދީފައިވާކަން ސާބިތުވެއްޖެނަމަ، އެފަދަ ފަރާތްތަކަށް ޙައްޖުގެ ފުރުޞަތު ގެއްލޭނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ފަޤީރުންގެ ތެރެއިން މިއަހަރު ދައުލަތުގެ ޚަރަދުގައި ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތުދޭ ފަންސާސް މީހުންގެތެރޭގައި އޮޅުވާލައިގެން މަޢުލޫމާތު ދީފައިވާ މީހުން ހިމެނޭކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވި ގޮތުގައި ދައުލަތުގެ ޚަރަދުގައި ޙައްޖަށް ދާން ހޮވޭ ފަރާތްތައް ފޮނުވާނީ އެ ފަރާތްތަކުގެ ޙާލަތު އިތުރަށް ބަލައި، ފަޤީރުންގެ ޝަރުޠަށް ފެތޭކަން ކަށަވަރު ކުރުމަށް ފަހުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މިއަހަރު ދައުލަތުގެ ޚަރަދުގައި 50 ފަޤީރުން ޙައްޖަށް ފޮނުވުމަށް ވަނީ ހޮވާފައެވެ. މީގެ އިތުރުން 10 މީހުން ރިޒާވްގެ ގޮތުގައި ހޮވާފައިވާ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. މި ފުރުޞަތު ދެނީ ޒަކާތު ހައުސްގައި ރަޖިސްޓްރީކޮށްފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ، ޝަރުތު ހަމަވާ ފަރާތްތަކަށެވެ.
ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ރިޔާސީ ދައުރުގައި ޖުމްލަ 1000 ފަޤީރުން ޙައްޖަށް ފޮނުވާނެކަމަށް ވަޢުދުވެފައެވެ. ރައީސްގެ މި ވަޢުދުގެ ތެރެއިން މިދިޔަ އަހަރު ފަޤީރުން ހައްޖަށް ފޮނުވަން ފަށާފައިވާއިރު، ރާއްޖެއަށް ކޮންމެ އަހަރަކު ލިބެނީ 1000 ޙައްޖު ކޯޓާއެވެ.
މިއަހަރުގެ ޙައްޖު ދުވަސް ދިމާވަނީ ޖޫން 5 ވަނަ ދުވަހާއެވެ.
ދައުލަތުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ ފަރާތްތަކުގެ އެންމެހައި ކަންކަން ހަމަޖައްސާނީ އިސްލާމިކް މިނިސްޓްރީންނެވެ.




