ބަންގްލަދޭޝްގެ މަގޫރާ ސިޓީގައި 8 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، އެ ކުއްޖާއަށް ލިބުނު އަނިޔާގެ ސަބަބުން މަރުވެއްޖެއެވެ.
އެ ކުއްޖާ މަރާލުމާއި ގުޅިގެން ގައުމުގެ އެކި ހިސާބުތަކުގައި އިހްތިޖާޖުތައް ވަނީ ފަށާފައެވެ.
މި ހާދިސާ ހިނގާފައިވަނީ މާރޗް 5 ވަނަ ދުވަހުގެ ރޭ ނުވަތަ އޭގެ އަނެއް ދުވަހުގެ ހެނދުނު ކުއްޖާ އޭނާގެ ބޮޑު ދައިތަގެ ގެއަށް ޒިޔާރަތްކުރި ވަގުތު ކަމަށް އޭނާގެ މަންމަ ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ކުއްޖާގެ ބޮޑު ދައިތަގެ 18 އަހަރުގެ ފިރިމީހާއާއި، އޭނާގެ މައިންބަފައިންނާއި އަދި އޭނާގެ ރައްޓެއްސެއް ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވެއެވެ.
ބަންގްލަދޭޝް ސަރުކާރުގެ އައިއެސްޕީއާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އެ ކުއްޖާ މަރުވީ، ލިބުނު އަނިޔާގެ ސަބަބުން ހިތްހުއްޓިގެންނެވެ.
ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި އެ ކުއްޖާ މަރުވުމުގެ ކުރިން ތިން ފަހަރެއްގެ މަތިން ހިތުގެ ހަރަކާތް ހުއްޓުނުކަމަށް އެ ކުއްޖާ ބެލި ޑޮކްޓަރުން ބުނެފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ކުއްޖާ ނިޔައުވުމާ ގުޅިގެން އެ ހިސާބުގަނޑުގެ ބަޔަކު މި ހާދިސާ ހިނގި ކަމަށް ބެލެވޭ ގެއަށް ގޮސް އަލިފާން ރޯކޮށްފައިވެއެވެ. މަގޫރާ ސަދަރު ޕޮލިސް ސްޓޭޝަންގެ އޮފިސަރ އިން ޗާޖް އައިޔޫބް އަލީ ބުނެފައިވަނީ، ހާލަތު ކޮންޓްރޯލް ކުރުމަށް އޮތޯރިޓީތަކަށް ދަތިވި ކަމަށެވެ.
ކުއްޖާގެ ހަށިގަނޑު އަސްކަރީ ހެލިކޮޕްޓަރެއްގައި މަގޫރާއަށް ގެންދިއުމަށްފަހު، މިއަދު ހަވީރު 19:30 ގައި ވަނީ ވަޅުލާފައެވެ. އެ ކުއްޖާގެ ޖަނަޒާއަށް އެތައް ހާސް މީހުން އެއްވެފައިވެއެވެ.



