ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގ މެޗުތަކުގެ ސްކޮޑް ލިސްޓުން ބްރެޒިލްގެ ސްޓާރ ކުޅުންތެރިޔާ ނޭމާގެ ނަން އުނިކޮށްފިއެވެ.
ނޭމާ އަށް އަނިޔާވުމުގެ ސަބަބުން ސްކޮޑް ލިސްޓުން ބާކީކޮށް، މިކަން ބްރެޒިލްގެ ކޯޗް ޑޯރިވަލް ޖޫނިއަރ ވަނީ މިދިޔަ ހުކުރު ދުވަހު އިއުލާންކޮށްފައެވެ.
ނޭމާގެ އިތުރުން، ފްލަމެންގޯގެ ދަނީލޯ އަދި މެންޗެސްޓަރ ސިޓީގެ އެޑަރސަން ވެސް މާރިޗު 20 އަދި 25 ގައި ކުޅެން އޮތް މެޗުތަކުން ވަނީ އުނިކުރެވިފައެވެ. މި ކުޅުންތެރިންގެ ބަދަލުގައި ފްލަމެންގޯގެ އެލެކްސް ސާންޑްރޯ، ރިއަލް މެޑްރިޑްގެ އެންޑްރިކް އަދި ލިޔޯންގެ ލޫކަސް ޕެރީ ވަނީ ސްކޮޑަށް ހޮވިފައެވެ.
މި ކުޅުންތެރިން އުނިކުރެވިފައިވަނީ މެޑިކަލް ޓެސްޓުތަކަށް ފަހު، ބްރެޒިލް ގައުމީ ޓީމުގެ މެޑިކަލް ޑިޕާޓްމަންޓުން އެ ކުޅުންތެރިން މެޗުތަކުގައި ކުޅުމަށް ފިޓްނުވާކަން ކަށަވަރުކުރުމާ ގުޅިގެންނެވެ.
ކުރީގެ ބާސެލޯނާ އަދި ޕީއެސްޖީ ތަރި ނޭމާ ބްރެޒިލް ޓީމާއެކު އެންމެ ފަހުން ކުޅުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރ މަހުއެވެ. މޮންޓެވީޑިއޯގައި އުރުގުއޭއާއި ދެކޮޅަށް ކުޅުނު 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގ މެޗެއްގައި އޭނާގެ ވައަތު ކަކުލުގެ އޭސީއެލް އަދި މެނިސްކަސް ވަނީ ކެނޑިފައެވެ.
މި ވަގުތު ކޮލިފައިންގ މަރުހަލާގައި 5 ވަނައިގައި އޮތް ބްރެޒިލް ޓީމް މި މުހިންމު މެޗުތަކަށް ތައްޔާރުވުމަށް އަންނަ ހޯމަ ދުވަހު ބްރަސީލިއާއަށް ދަތުރުކުރާނެއެވެ.



