މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު އަރީޝް އިންތިޚާބުކޮށްފިއެވެ.
އަރީޝް މި މަގާމަށް އިންތިޚާބުކުރީ މިއަދު އޮތް މާލޭ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 188ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
މި މަޤާމަށް ކުރިމަތިލެއްވި ހަމައެކަނި ފަރާތަކީ އަރީޝްއެވެ. އަރީޝް މި މަގާމަށް ހޮވުނީ ވޯޓުލުމުގައި ބައިވެރިވި 16 ކައުންސިލަރުންގެ އިއްތިފާޤުންނެވެ.
އަރީޝްއަކީ ކުރިން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ސިޓީ ކައުންސިލަށް ހޮވިވަޑައިގެންނެވި ނަމަވެސް، ރައީސް މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު ޕީއެންސީއާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ.
މި މަޤާމު ހުސްވެފައިވަނީ ކުރީގެ ޑެޕިއުޓީ މޭޔަރު، މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝް މި މަހުގެ 12 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ނަރީޝް ސޯޝަލް މީޑިއާގައި ވިދާޅުވިގޮތުގައި އިސްތިއުފާ ދެއްވީ ރައީސް މުއިއްޒުގެ ސަރުކާރުގައި އެހެން މަޤާމެއްގައި ޚިދުމަތްކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމުންނެވެ.
ނަރީޝް މި މަޤާމަށް ހޮވިވަޑައިގަތީ 2021 ވަނަ އަހަރުގެ ޖޫން 21 ވަނަ ދުވަހު، އޭރުގެ މަޖިލިސް މެންބަރު އަހުމަދު ޒަމީރާ ވާދަކުރައްވައި، 12 ވޯޓު ހޯއްދަވައިގެންނެވެ.




