ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ލައްކަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ކަސްޓަމްސްއިން ބުނީ، އެތަކެތި އަތުލައިގަނެފައި ވަނީ، ރޭ ދަންވަރު ވައިގެމަގުން ތައިލެންޑުން ރާއްޖެ އައި ޖެނެރަލް ގުޑްސް ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
ކަސްޓަމްސް އިން އަތުލައިގަނެވުނު މަސްތުވާތަކެތި (20) ޕެކެޓެއްގައި ފޮރުވާފައިހުރިއިރު، ފުރަތަމަ މަރުޙަލާގެ ތަހުލީލުތަކުން އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެ އެވެ.
އެތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1097 ގްރާމް ހުރިއިރު، މަގުމަތީ އަގަކީ ގާތްގަނޑަކަށް 877,600.00ރ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން ބުނެފައިވެ އެވެ.
ކަސްޓަމުން ބުނީ މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.



