އާޖެންޓީނާގެ ކެޕްޓަން ލިއޯނެލް މެސީއަށް އަނިޔާ ވުމާ ގުޅިގެން ކުރިއަށް އޮތް ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގ މެޗުތަކުގައި ނުކުޅެވޭނެ ކަމަށް އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަނުން މިއަދު އިއުލާންކޮށްފިއެވެ.
ތާވަލުގައި 25 ޕޮއިންޓާއިއެކު އެންމެ މަތީގައިއޮތް އާޖެންޓީނާ ވޯލްޑް ކަޕް ކޮލިފައިންގގައި ކުރިއަށް އޮތް ދެ މެޗު ކުޅޭނީ ދެވަނައިގައި އޮތް އުރުގުއޭ އަދި ފަސްވަނައިގައި އޮތް ބްރެޒިލްއާ ދެކޮޅަށެވެ.
37 އަހަރުގެ މެސީ، އިންޖަރީވެފައިވަނީ އެމްއެލްއެސްގައި އިންޓަރ މަޔާމީ އަދި އެޓްލާންޓާ ޔުނައިޓެޑްއާ ދެމެދު ކުޅުނު މެޗުގައި، އޭނާގެ ވައަތު ފަލަމަސްގަނޑަށް ރިއްސުން އައިސްގެން ކަމަށް އާޖެންޓީނާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މި އިންޖަރީގެ ސަބަބުން ކޯޗް ލިއޯނެލް ސްކަލޯނީ އިއުލާންކުރި 25 ކުޅުންތެރިންގެ ސްކޮޑުން މެސީ ވަނީ ބޭރުވެފައެވެ.
”މެސީގެ އިންޖަރީގެ ރިސްކް އޮތުމުގެ ސަބަބުން މި ސީޒަން ފެށުނީއްސުރެ މަޔާމީގެ ގިނަ މެޗުތަކުގައި ނުކުޅެ ހުންނަންޖެހުނު،“ އިންޓަރ މަޔާމީގެ ކޯޗް ޖަވިއަރ މަސްޗެރާނޯ ބުނެފައިވެއެވެ.
މެސީގެ އިތުރުން މި ދެ މެޗުގައި ޕައުލޯ ދިބާލާ، ގޮންޒާލޯ މޮންޓިއެލް އަދި ޖިއޮވާނީ ލޯ ސެލްސޯވެސް ނުކުޅޭނެ ކަމަށް އެސޯސިއޭޝަނުން ބުނެފައިވެއެވެ.
އާޖެންޓީނާގެ ކޮލިފިކޭޝަން ޔަގީން ކުރެވޭނެ މި މުހިންމު ދެ މެޗުގައި މެސީއަށް ނުކުޅެވުމަކީ ޓީމަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ފުޓްބޯޅަ ކުޅޭ މާހިރުން ފާހަގަކުރެއެވެ.



