މާފަންނު ސަހަރާގައި ބައިބަލާ ކުޅޭ ތަނެއް ހަދާފައިވާތީ އާންމުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި، ސަހަރާގައި ބައިބަލާ ކުޅޭ ތަން ހަދާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ހުއްދައާއިއެކު އެވެ.
މާފަންނު ސަހަރާގައި ވަޅުލާފައިވާ ގަބުރުތައް ނަގައި، ބިން ހުސްކޮށް ސާފު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލް ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.
ބައިބަލާ ކުޅޭ ސަރަހައްދާއި ގުޅޭގޮތުން ބައެއް މީޑިއާތަކާ ވާހަކަ ދައްކަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެފައިވަނީ މާފަންނު ސަހަރާގައި ބައިބަލާ ކުޅޭ ތަނެއް ހެދުމަށް ހުއްދަ ދީފައިވަނީ މާފަންނުގައި ބައިބަލާ ޕްރެކްޓިސް ކުރާނެ ތަނެއް ނެތުމުން ކަމަށެވެ. އަދި އެއީ ވަގުތު ގޮތުން ދީފައިވާ ހުއްދައެއް ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ބޮޑުވެ، އާންމުން ނުރުހުން ފާޅުކުރަން ފެށުމާއިއެކު، ސިޓީ ކައުންސިލުންގެ ވާހަކަ ބަދަލުކޮށް، ފަހުން ބުނެފައިވަނީ މާފަންނު ސަހަރާގައި އޮތް ހުސް ބިމުގައި އެއްވެސް ކުޅިވަރެއް ކުޅެން ހަމަޖެހިފައިނުވާ ކަމަށެވެ.
ދިވެހި ތާރީހު ދިރާސާ ކުރުމަށް މަޝްހޫރު ފަރާތެއް ކަމަށްވާ ނާޖިހު ދީދީ މިކަމާ ގުޅިގެން ބުނީ މާފަންނު ސަހަރާގައި ހުރި ގަބުރުތައް ނަގާ އެއްލާލާފައި އެތަނުގައި ބައިބަލާ ކުޅޭތަނެއް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
“ އަސްތަޣްފިރުﷲ! މާތް ރަމަޟާން ރޯދަމަހު މާފަންނު ސަހަރާގައި ހުރި އަހަރެމެންގެ ގާތްތިމާގެ މީހުންގެ ގަބުރުތައް އެއްވެސް ކަހަލަ ޤަދަރެއް އިޙްތިރާމެއް ނެތި ނަގާ އެއްލާލާފައި އެތަނުގައި މޭޔަރު އާދަމް އާޒިމްމެން މި ހަދަނީ ބައިބަލާ ކުޅޭ މައިދާނެއް! ހަލާކުހުރި! “ އެކްސްގައި ކުރި ޕޯސްޓެއްގައި ނާޖިހު ބުނެފައިވެއެވެ.
މީގެ ކުރިންވެސް ނާޖިހު ވަނީ މާފަންނު ސަހަރާގައި ވަޅުލާފައި ހުރި ގަބުރުތައް ނަގާ އެތަން ހުސްކުރުމާ ދެކޮޅަށް އަޑު އުފުލާފައެވެ. އަދި މިކަމާ ގުޅޭ ގޮތުން މިދިޔަ އަހަރު އޯގަސްޓު މަހު ނާޖިހު ވަނީ ’ސައުވީސް‘ ގައި ރިޕޯޓެއްވެސް ޝާއިއު ކޮށްފައެވެ.
ރިޕޯޓް: މާފަންނު ސަހަރާ: މާލޭގެ ތޮއްޖެހުމުގެ ހާސްކަން ކަނޑުވާލަން ބާއްވަންޖެހޭ ބިމެއް
ނާޖިހުގެ އިތުރުންވެސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މާފަންނު ސަހަރާގައި ބައިބަލާ ކުޅޭ ތަނެއް ހަދާފައިވާތީ ސިޓީ ކައުންސިލަށް ފާޑު ކިޔަމުންނެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ މިއީ ވަރަށް ބޮޑު ގޯހެއް ކަމަށާއި، މި ކަމުގައި ދިވެހިރާއްޖޭ ފަތުވާ ކޮމިޓީއިން ބަހެއް ބުނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެނގިފައިވާ ގޮތުގައި، ނޮވެމްބަރު 3 1988 ގައި ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ބައެއް ފަރާތްތަކުގެ މަހާނަތައްވެސް ހުރީ މާފަންނު ސަހަރާގައެވެ.



