އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދޭ ގޮތަށް ހައްޖަށް ގެންދިއުމާއި ގުޅޭ ހާއްސަ އުސޫލު މިއަދު ބަދަލުކޮށްފިއެވެ.
ދިވެހިރާއްޖެއިން ޙައްޖަށް ގެންދިއުމާއި ގުޅޭ ހާއްސަ އުސޫލެއް އެކުލަވާލާ ގެޒެޓުކޮށް އިސްލާމިކް މިނިސްޓްރީން ބުނީ މި އުސޫލަކީ ޙައްޖާއި ގުޅޭ މުހިއްމު ކަންކަން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށެވެ.
މި އުސޫލުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިޔުމަށް ހުއްދަ ދިނުމާއި، ކޯޓާ ބެހުމާއި، ޙައްޖުގެ ކަންތައްތައް ބެލެހެއްޓުމާ ގުޅޭ އެންމެހައި ސިޔާސަތުތައް ހިމެނެއެވެ.
މި އުސޫލުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ރައްޔިތުންނަށް ލުއި އަގެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމާއި، ފައިސާ ދެއްކުމުގެ ފަސޭހަ ނިޒާމެއް ޤާއިމުކުރުމާއި، ޙައްޖު ކިއު ލިސްޓު ކުޑަކުރުން ހިމެނެއެވެ.
މި ޚިދުމަތް ފޯރުކޮށްދޭނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުންނެވެ.
އާ އުސޫލުގައި ގެނައި މުހިންމު ބަދަލުތައް
• އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުން
• ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު ހައްޖު ކޯޕަރޭޝަނުން ވަކި އިންސައްތައެއް ކަނޑައެޅުން.
• ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 އަހަރުން ފެށިގެން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލައިހައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި ހިމެނެ އާއިލާ މީހަކު އެހީތެރިއެއްގެ ގޮތުގައި ގެންދިއުމުގެ ފުރުސަތު ދިނުން
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ ދަށުން، ޙައްޖުގެ ކަންކަން ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.




