ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ޒުވާނުންނަށް ހާއްސަކޮށްގެން އުސްފަސްގަނޑުގައި ބައިބަލާ ކުޅޭނެ ތަނެއް ހަދައިފި އެވެ.
އިއްޔެ ފެށި މި މަސައްކަތަކީ ލޯކަލް މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތެކެވެ.
އެ މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި އިރުޝާދާ ގުޅިގެން މިނިސްޓްރީގެ ޕަބްލިކް ވާރކްސް ޑިޕާޓްމަންޓުގެ މުވައްޒަފުން މި މަސައްކަތްކުރުމަށް ފަށައިފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
އަދި ރޭގައި އެ މައިދާނުގައި ކުޅެވޭ ވަރަށް މަސައްކަތް ވަނީ ނިންމައިދީފައި ކަމަށާއި، އެއީ މާފަންނު ސަހަރާގައި ބައިބަލައި ކުޅުމަށް ޒުވާނުންގެ ތެރޭން ބަޔަކު ތައްޔާރުވުމުން، ރައްޔިތުންގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުމަކާ ގުޅިގެން ކުރެވިގެން ދިޔަ މަސައްކަތެއް ކަމަށެވެ.
އުސްފަސްގަނޑުގައި ބައިބަލާ ކުޅޭނެ ތަނެއް ހެދީ މާފަންނު ސަހަރާ އިން ބައެއް ސާފުކޮށް އެތަނުގައި ބައިބަލާ ކުޅޭނެ ތަނެއް މާލެ ސިޓީ ކައުންސިލުން ހެދުމުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.
ގިނަ ބަޔަކު ވަނީ ސަހަރާގައިވާ ގަބުރުތައް ނެގުމަށްފަހު އެތަން ކުޅިވަރު ކުޅެން ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެ މީސްމީޑިއާގައި މާލެ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އެ މައްސަލަ ހޫނުވުމުން އެކަމުގެ ޒިންމާއާ އެއްވެސް ބަޔަކު ހަވާލުވެފައި ނުވާ އިރު، ދީނީ ބައެއް އިލްމުވެރިން ވެސް އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައި، އެކަން ހުއްޓާލަން ގޮވާލައްވާފައިވެ އެވެ.




