ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާ ހޯދައިފިއެވެ.
ފުލުހުން ބުނީ ބަނގުރާ ކޭސްތަކެއް ހިފައިގެން ހުޅުމާލެ ލަކުޑި ޖެޓީކައިރީގައި މީހަކު އުޅޭކަމަށް އިއްޔެ ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ލަކުޑި ޖެޓީ ސަރަހައްދު ބަލައިފާސްކުރިއިރު ފޮށިގަނޑަކާއި ދަބަހެއް ފެނިފައިވާ ކަމަށާއި، އަދި އެ ދަބަހާއި ފޮށިގަނޑު ބަލައިފާސްކުރިއިރު 14 ފުޅި ބަނގުރާ އަދި 72 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.



