ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ލިއޯނެލް މެސީ ކަހަލަ ދެވަނަ ކުޅުންތެރިއަކު ދެން ނުފެންނާނެ ކަމަށް ނެދަލޭންޑްސް އަދި ބާސެލޯނާގެ މިޑްފިލްޑަރ ފްރެންކީ ޑި ޖޯންގ ބުނެފިއެވެ.
ނެދަލޭންޑްސްގެ ޔޫއެފާ ނޭޝަންސް ލީގް ކުއާޓަރ ފައިނަލްގައި ސްޕެއިންއާ ކުރިމަތިލުމުގެ ކުރިން މީޑިއާއާއި ވާހަކަ ދައްކަމުން، ބާސާ އަދި ސްޕެއިން ގެ ތަރި ޔަމާލް އާއި މެސީ އާ އަޅާކީދާނެ ހޭ ބުނެ މީޑިއާ ކުރި ސުވާލަށް ޖަވާބު ދެމުން ޑި ޖޯންގ ވަނީ ޔަމާލްގެ ހުނަރުވެރިކަމަށް ތަޢުރީފުކޮށްފައެވެ.
”އޭނާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އަހަރެން އޭނާ ދެކެނީ ވަރަށް ހުނަރުވެރިއެއްގެ ގޮތުގައި އަދި އެންމެ މަތީ ފެންވަރުގެ ކުޅުންތެރިއެއްގެ ގޮތުގައި. ޔަމާލް ޑިފެންޑްކުރުމަކީ އެކަކަށް ކުރެވޭނެ ކަމެއް ނޫން، އެކަން ކުރަންޖެހޭނީ ޓީމެއްގެ ގޮތުގައި.“
ނަމަވެސް ޑިޖޯންގ ބުނީ ޔަމާލް އާއި މެސީއާ އަޅާ ނުކިޔޭނެ ކަމަށެވެ. އަދި މެސީއާ އަޅާކިޔާ ކޮންމެ ކުޅުންތެރިއަކުވެސް ފެންނާނީ ދެރަކޮށް ކަމަށެވެ.
”އަހަރެން ނުދެކެން މެސީ ކަހަލަ އިތުރު ކުޅުންތެރިއަކު އަހަރެމެންނަށް ފެންނާނެ ކަމަކަށް، ނުވަތަ މާ އަވަހަކަށް އެކަން ވާނެ ކަމަކަށް،“ ޑި ޖޯންގ ބުންޏެވެ.
ޑި ޖޯންގ ވަނީ ޔަމާލްގެ ހުނަރުވެރިކަމަށް ތަޢުރީފުކޮށް، މި އުމުރުގައި އޭނާ ކުޅިވަރު ދެނެގަންނަ ގޮތާއި، ނިންމާ ނިންމުންތަކަކީ ވަރަށް މޮޅު ނިންމުންތަކެއް ކަމަށް ބުނެފައެވެ.
އަދި ޔަމާލްއަކީ މޮޅު ހުނަރުވެރިއެއް ކަމަށާއި، އެ ހުނަރު އޭނާއަށް ލިބިފައި އޮތުމަކީ ރަނގަޅު ކަމެއް ކަމަށްވެސް ޑި ޖޯންގް ބުނެފައިވެއެވެ.
ލަމިން ޔަމާލް ވަނީ ސްޕެއިން އަށް 17 މެޗު ކުޅެ، 3 ލަނޑު ޖަހައި، 8 އެސިސްޓް ދީފައެވެ. އޭނާއަކީ ޔޫއެފާ ޔޫރޯ 2024 ގައި ސްޕެއިން ގެ ކާމިޔާބީގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ.
އަދި މި މުބާރާތުގައި ކުޅެ، ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑުވެސް ޔަމާލް ވަނީ ހަދާފައެވެ.



