ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ގާއިމުކޮށްފައިވާ ފެރީ ޓާމިނަލްތައް ކައުންސިލްތަކާ ހަވާލު ކުރުމާ ގުޅޭ މަސައްކަތްތައް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ފަށައިފި އެވެ.
ލޯކަލް މިނިސްޓްރީން ބުނީ ހއ އާއި ހދ އަދި ށ އަތޮޅުގައި ޤާއިމުކޮށްފައިވާ ފެރީ ޓާމިނަލްތައް ކައުންސިލްތަކާއި ޙަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އެގޮތުން ރަށްރަށުގައި ޤާއިމްކުރެވިފައިވާ ފެރީ ޓާމިނަލްތަކާއި، ފެރީ ސްޕޮޓްތައް ރަށު ކައުންސިލްތަކާއި، ޙަވާލުކުރުމަށް މިނިސްޓްރީ އާއި، ކައުންސިލްތަކާ ދެމެދު ވެވޭ ފަހުމުނާމާއާ ބެހޭ މަޢުލޫމާތު އިއްޔެ މެންދުރު އޮންލައިންކޮށް މިނިސްޓްރީން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ހިއްސާކޮށްފައިވެ އެވެ.
އޮންލައިންކޮށް އިއްޔެ ބޭއްވި މި ބައްދަލުވުމުގައި އާރްޓީއެލްގެ ޒޯން 1ގައި ހިމެނޭ ހއ. ހދ އަދި ށ އަތޮޅުގެ ކައުންސިލްތަކުން ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފު ޢުމަރުގެ އިތުރުން މިނިސްޓްރީގެ ލޯކަލް ގަވަރމެންޓް ޑިޕާރޓްމެންޓް ހިންގުމާއި ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރާއި، ޕްލޭނިންގ ޑިޕާޓްމަންޓް ހިންގެވުމާއި ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މޫސާ ފަތުޙީގެ އިތުރުން މިނިސްޓްރީގެ އިސްވެރިންނާއި، ޕާރމަނަންޓް ސެކްރެޓަރި ޑރ. ފާޠިމަތު މުނާ ބައިވެރިވެވަޑައިގެންނެވިއެވެ.
އާރްޓީއެލް ފެރީ ޓާމިނަލްތައް ޓްރާންސްޕޯޓް މިނިސްޓްރީން ލޯކަލް މިނިސްޓްރީއާ ހަވާލުކުރީ މިދިޔަ މަހުގެ 26 ގަ އެވެ.


