އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ރާއްޖެ އިންޑިއާ އަތުން ބަލިވެއްޖެއެވެ.
ރޭ ކުޅުނު މިމެޗުން ރާއްޖެ ބަލިވީ 3-0ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ އިންޑިއާގެ ފުޓްބޯޅަ ތާރީޚުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ، ސުނިލް ޗެތުރީ އަށެވެ. މިދިޔަ އަހަރުގެ ޖޫން މަހު ރިޓަޔަރ ކުރުމަށްފަހު އަލުން އެނބުރި އައިސް، 40 އަހަރުގެ މި ތަޖުރިބާކާރު ކުޅުންތެރިޔާ ވަނީ ކެޕްޓަންކަން ކުރުމާއެކު ލަނޑެއްވެސް ޖަހާފައެވެ.
އިންޑިއާގެ އައު ކޯޗު މަނޯލޯ މާކުއޭޒްގެ ފުރަތަމަ މެޗު ކަމަށްވާ މި މެޗަކީ، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހަށްފަހު އިންޑިއާއަށް މޮޅުވެވުނު ފުރަތަމަ މެޗެވެ. އެއީ 11 މެޗު ވިދިވިދިގެން މޮޅުނުވެ ދިޔުމަށްފަހުގައެވެ.
މެޗުގެ ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި އިންޑިއާގެ ޑިފެންޑަރު ރާހޫލް ބޭކޭ ޖެހުމާއެކު، ފުރަތަމަ ހާފު ނިމުނުއިރު އިންޑިއާ އޮތީ ކުރީގައެވެ.
ދެވަނަ ހާފުގައި ރާއްޖެއިން ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ކުރި ނަމަވެސް، 65 ވަނަ މިނެޓުގައި ލިސްޓަން ވަނީ އިންޑިއާގެ ދެވަނަ ލަނޑު ޖަހާފައެވެ. މި ދެ ލަނޑުވެސް އިންޑިއާއަށް ލިބުނީ ކޯނަރ ކިކުތަކުންނެވެ.
މެޗުގެ 75 ވަނަ މިނެޓުގައި އިންޑިއާގެ 3 ވަނަ ލަނޑު ޖަހައިދިނީ ޗެތްރީއެވެ. މިއީ ރާއްޖެއާ ދެކޮޅަށް ކުޅުނު އަށް މެޗުގައި ޗެތުރީ ޖެހި ނުވަވަނަ ލަނޑެވެ.
އޭޝިއަން ކަޕް ކޮލިފައިންގ ޓުވާނަމަންޓުގެ ފުރަތަމަ މެޗުގައި މި މަހުގެ 25 ގައި ރާއްޖެ ކުޅޭނީ ފިލިޕީންސްއާ ދެކޮޅަށެވެ.
ހަމަ އެދުވަހު އިންޑިއާ ކުޅޭނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.


