ރަމަޟާންމަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކަކަށް ވުމާ ގުޅިގެން، ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކަށް ވަގުތީ ބަދަލުތަކެއް ގެނެސްފިއެވެ.
މިނިސްޓްރީން ބުނީ މި ބަދަލާއިއެކު އެއްގަމާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސްތަކާއި، ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކުރުމަށް ވަނީ ނިންމާފައި ކަމަށެވެ.
އެގޮތުން:
– 5 މާރިޗު 2025 އިން 20 އޭޕްރީލް 2025 އާ ދެމެދު މުއްދަތު ހަމަވާ އެއްގަމާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސްތަކުގެ މުއްދަތު 5 މެއި 2025 ގެ ނިޔަލަށް އިތުރުކުރެވޭނެއެވެ.
– 5 މާރިޗު 2025 އިން ފެށިގެން މުއްދަތު ހަމަވާ ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްތަކުގެ މުއްދަތުވެސް 5 މެއި 2025 ގެ ނިޔަލަށް އިތުރުކުރެވޭނެއެވެ.
މީގެ އިތުރުން، މިނިސްޓްރީއަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކާ ގުޅިގެން ލިޔެކިޔުންތަކުގެ އަސްލު ހުށަހެޅުމަށް 23 މާރިޗު 2025 އިން 30 މާރިޗު 2025 އަށް (ހުކުރު އަދި ހޮނިހިރު ފިޔަވައި) ހެނދުނު 11:00 އިން މެންދުރު 13:00 އަށް އުމަރު ޒާހިރް އިމާރާތުގެ ގްރައުންޑް ފްލޯގައި މިނިސްޓްރީއަށް ޚާއްސަކުރެވިފައިވާ ކައުންޓަރު ހުޅުވިފައި ހުންނާނެ ކަމަށާއި، މި މުއްދަތުގައި މިނިސްޓްރީގެ ކޯލް ސެންޓަރު ބަންދުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.
ނަމަވެސް މެރިޓައިމް ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ ޚިދުމަތްތަކާ ގުޅޭގޮތުން ކޮންމެހެން ގުޅަންޖެހޭ ޙާލަތްތަކުގައި ހެނދުނު 9:00 އިން މެންދުރު 13:00 އާ ދެމެދު 7212719 ނަންބަރަށް ގުޅުމަށްފަހު މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި ބަދަލުތައް ގެނެވިފައިވަނީ ރަމަޟާންމަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނަމަވެސް މި ދުވަސްތަކުގައި ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.



