ރަމަޟާން މަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިނުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ލައިލަތުލްޤަދްރި“ މި މައުޟޫއަށް ދިން ހުކުރު ހުތުބާގައި ބުނީ ރަމަޟާން މަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިނުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށެވެ.
أُمُّ الْمُؤْمِنِيْنَ عَائِشَةَ رَضِيَ اللهُ عَنْهَاގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަމަނާ ވިދާޅުވެފައިވެއެވެ. ”ރަސޫލު الله ﷺ ދުނިޔެ ދޫކުރެއްވުމާ ހަމައަށް ރަމަޟާންމަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިންނެވިއެވެ.“
ހުތުބާގައި ބުނީ އިޢުތިކާފަށް އިންނަމީހާ، ބޭކާރު ކަންތައްތަކާއި ވާހަކަތަކުން ދުރުހެލިވެ، މާތްاللهއަށް އަޅުކަންކުރުމާއި ކީރިތި ޤުރްއާން ކިޔެވުމާއި ޛިކުރުކުރުމުގައި ވަގުތު ހޭދަކުރާންވާނެ ކަމަށެވެ.
އަދި މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައި މިސްކިތުގެ ސާފުތާހިރުކަމަށާއި، މިސްކިތުގެ ޙުރުމަތަށް އިސްކަންދީ، މިސްކިތުގެ ޙުރުމަތް ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށެވެ.
”މިސްކިތްތަކަކީ ބިންމަތީގައިވާ އެންމެ މާތް ތަންތަނެވެ. އެއީ މާތް اللهގެ ގެކޮޅުތަކެވެ. ވީމާ އެ ކަން އަބަދުވެސް ހަނދާންކުރާންވާނެއެވެ!“ ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ މާތްﷲ އަށް ތަޤުވާވެރިވެ، ހެޔޮ ޢަމަލުތައް ކުރުމަށާއި، ނުބައި ޢަމަލެއް ކުރެވިއްޖެނަމަ، އެއާ ވިދިގެން ހެޔޮ ޢަމަލެއް ކުރުމަށާއި، އިސްތިޣުފާރު ކުރުން ގިނަކުރުމަށެވެ.
ރަމަޟާން މަހުގެ ފަހު ދިހައިގައި ލައިލަތުލް ޤަދުރު އޮންނަކަމަށް ބަޔާންކުރަމުން ހުތުބާގައި ބުނީ އެ ރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް ކަމަށެވެ. އަދި މި ރޭގައި ކުރާ ހެޔޮ ޢަމަލުތަކުގެ ދަރުމަ އެއްހާސް މައްސަރަށްވުރެ އިތުރުކޮށްދެއްވާނެ ކަމަށެވެ.
”ލައިލަތުލް ޤަދުރަކީ ޤުރުއާން ބާވައިލެއްވި ބަރަކާތްތެރި ރެއެވެ. އީމާންކަމާއެކު، ދަރުމައަށް އެދި މި ރޭގައި އަޅުކަން ކުރާ މީހުންގެ އިސްވެދިޔަ ފާފަތައް ފުއްސަވައިދެއްވާނެކަމަށް ވަޢުދުވެވޮޑިގެންވެއެވެ.“ ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނި ގޮތުގައި މި ރޭގައި ”اَللّٰهُمَّ إِنَّكَ عَفُوٌّ تُـحِبُّ الْعَفْوَ فَاعْفُ عَنِّي“ މި ދުޢާ ކިޔުމަށް ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވެއެވެ. އަދި މި ބަރަކާތްތެރި ދުވަސްތަކުގައި ހެޔޮ ޢަމަލުތައް ކުރުމުގައި ދެމިތިބުމަށް އަންގަވާފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނި ގޮތުގައި މި ބަރަކާތްތެރި މައްސަރާ ވިދިގެން އަދާކުރާން އަމުރުކުރައްވައިފައިވާ އަޅުކަމެއް ވެއެވެ. އެއީ فِطْرُ زَكَاةއެވެ. ފިޠުރު ޒަކާތަކީ ރޯދަމަހު ރޯދަތައް ހިފި އިރު ކުރެވިފައިވާ އުނި ކަންކަން ފޫބައްދައިދޭކަމެކެވެ. اِبْنُ عَبَّاس رَضِيَ اللهُ عَنْهُمَا ގެ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ، وَطُعْمَةً لِلْمَسَاكِيْنِ) މާނައީ: ”ރޯދައަށް ހުރެ ދެއްކޭ ބާޠިލު ވާހަކަތަކާއި ކުރެވޭ ނުރަނގަޅު ކަންކަމުން، ރޯދަވެރީންނަށް ޠާހިރުކަމެއްގެ ގޮތުގައްޔާއި، މިސްކީނުންނަށް ދެވޭ ކެއުމެއްގެ ގޮތުގައި ރަސޫލު الله ﷺ ފިޠުރުޒަކާތް ފަރުޟުކުރެއްވެވިއެވެ.”
އެހެންކަމުން ތިމާއާއި ތިމާގެ ބެލުމުގެ ދަށުގައިވާ މީހުންނާއި ކުދީންގެ ފަރާތުން ފިޠުރު ޒަކާތް ނެރުމަށް އަވަސް ކުރުމަށް ހުތުބާގައި ގޮވާލިއެވެ.
ޢީދުވިލޭރެއާ ޢީދު ދުވަހު ކެއިންބުއިމަށް ފުދި އިތުރުވާ ކޮންމެ މީހެއްގެ މަތީން މި ޒަކާތް ނެރުން ވާޖިބު ކަމަށާއި، ފިޠުރު ޒަކާތް ނެރޭނީ ޢީދު ނަމާދުކުރުމުގެ ކުރީން ކަމަށާއި، މި ކަމަށް ސަމާލުކަން ދީ ފިޠުރު ޒަކާތް ނެރުމަށް އަވަސްކުރުމަށް ހުތުބާގައި ބުނެފައިވެއެވެ.



