ނޭޝަންސް ލީގް 2024-25 ގެ ފޯރިގަދަ ކުއާޓަރ ފައިނަލް މެޗުތައް ރޭ ނިންމާލައިފިއެވެ.
މި މުބާރާތުގެ ސެމިފައިނަލަށް ފްރާންސް، ސްޕެއިން، ޖަރުމަނު އަދި ޕޯޗުގަލް ވަނީ ދަތުރުކޮށްފައެވެ.
ކްރޮއޭޝިއާ އާއި ދެކޮޅަށް ކުޅެ ފްރާންސް މޮޅުވީ 5-4 ގެ ނަތީޖާއަކުންނެވެ. އަދި ސްޕެއިން އާއި ނެދަލޭންޑްސް ކުޅުނު މެޗުން ސްޕެއިން މޮޅުވީވެސް 5-4 ގެ ނަތީޖާއަކުންނެވެ.
ޑެންމާކާއި ދެކޮޅަށް ކުޅެ ޕޯޗުގަލް 5-3 އަކުން މޮޅުވިއިރު، ޖަރުމަނާ އިޓަލީ ކުޅެ ޖަރުމަނުން ސެމީއަށް ދަތުރު ކުރީ 5-4 ގެ ނަތީޖާއިންނެވެ.
ކުއާޓަރ ފައިނަލްގެ މެޗުތަކުގައި އެންމެ ފާހަގަކޮށްލެވުނު މެޗަކީ ޖަރުމަނުވިލާތާއި އިޓަލީ ބައްދަލުކުރި މެޗެވެ. މި މެޗުގައި އިޓަލީން ފަހު ވަގުތުތަކުގައި ދެއްކި ވަރުގަދަ ކުޅުމުން ސަލާމަތްވެ، ޖަރުމަނުވިލާތުން ވަނީ ސެމިފައިނަލަށް ދަތުރުކޮށްފައެވެ.
ސްޕެއިން އާއި ނެދަލޭންޑްސް، ފްރާންސް އަދި ކްރޮއޭޝިއާ ކުޅުނު މެޗުން، ސްޕެއިން އަދި ފްރާންސް މޮޅުވެ ސެމީ ފައިނަލަށް ދަތުރު ކުރީ ފަހު ވަގުތު ނަތީޖާ އެއްވަރުވެ، ޕެނަލްޓީއަށް ގޮސްގެންނެވެ.
ސެމީ ފައިނަލުގައި ފްރާންސް ކުޅޭނީ ސްޕެއިން އާއި ދެކޮޅަށެވެ. އަދި ޖަރުމަނު ކުޅޭނީ ޕޯޗުގަލްއާއި ދެކޮޅަށެވެ.
ސްޕެއިނާއި ފްރާންސުން ވަނީ މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީގައި ވެސް ބައްދަލުކޮށްފަ އެވެ. އެ މެޗުން ސްޕެއިން ވަނީ މޮޅުވެފަ އެވެ.
މި މުބާރާތުގެ ސެމިފައިނަލް މެޗުތައް ކުޅެން ހަމަޖެހިފައި އޮތީ ޖޫން 4 އަދި 5 ވަނަ ދުވަހުއެވެ. ކުއާޓަރ ފައިނަލް މެޗުތަކާއި ޚިލާފަށް، ސެމިފައިނަލް މެޗުތައް ކުޅެވޭނީ އެއް ލެގަށެވެ.
މުބާރާތުގެ ތިންވަނަ ޖާގައަށް ކުޅޭ މެޗާއި ފައިނަލް މެޗު ކުޅޭނީ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.



