ރާއްޖޭގެ އެންމެ ބޮޑު އިސްލާމީ ލައިބްރަރީ އަލުން ހުޅުވުމުގެ މަސައްކަތް ފަށައިފިކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވި ގޮތުގައި އިސްލާމީ މަރުކަޒުގައި ހުރި އިސްލާމީ ކުތުބުހާނާއަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އިސްލާމީ ލައިބްރަރީ ކަމުގައިވީ ނަމަވެސް، މިހާރު އެ ލައިބްރަރީ ވަނީ ނެތިގޮސްފައެވެ.
އަދި ލައިބްރަރީ ނެތި އަހަރުތަކެއް ފާއިތުވެފައި ވާއިރު، ރާއްޖޭގެ އިސްލާމީ ލައިބްރަރީ އަންނަ މޭ މަހު ސަލްމާން ސެންޓަރުގައި އަލުން ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މިކަމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ދަނީ ނިމެމުން. މީގެ އިތުރުން މިއަހަރު ހުރިހައި އިސްލާމިކް ސެންޓަރެއްގައި ލައިބްރަރީ ހުޅުވިގެންދާނެ އިންޝާ ﷲ.“ ޝަހީމް ވިދާޅުވިއެވެ.
އިސްލާމީ ހިދާޔަތު ރާއްޖޭގައި ދެމެހެއްޓުމަށްޓަކައި ވަރަށް ގިނަ ކަންތައްތައް ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާކަން މީގެ ކުރިން މިނިސްޓަރު ޝަހީމް ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އިސްލާމީ ކަންތައްތައް ކުރިއަރުވާ ދަމަހައްޓަވަން ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.



