އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ފިލިޕީންސް ބައްދަލުކުރާ މެޗު މިއަދު ހަވީރު ކުޅޭނެއެވެ.
ފިލިޕީންސްގެ އަމިއްލަ ދަނޑުގައި ކުޅޭ މި މެޗު ކުޅެން ހަމަޖެހިފައި ވަނީ މިއަދު ހަވީރު ރާއްޖޭ ގަޑިން 16:00 ގައެވެ.
ރާއްޖެއާ ދެކޮޅަށް ކުޅެން ފިލިޕީންސް ތައްޔާރުވާއިރު އެ ގައުމުގެ ގިނަ ކުޅުންތެރިންތަކަކަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފައި ކަމަށް ޓީމުގެ މެނޭޖަރު ފްރެޑީ ގޮންޒާލޭޒް ބުނެފައިވެއެވެ.
ރާއްޖެ ވަނީ މި މެޗަށް ތައްޔާރުވުމަށް އިންޑިޔާއާ އެކު އެކުވެރިކަމުގެ މެޗެއް އެ ގައުމުގެ ޝިލޮންގްގައި ކުޅެފަ އެވެ. މި މެޗުން ރާއްޖެ ބަލިވީ 3-0އިންނެވެ. ފިލިޕީންސް އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިދިޔަ ޑިސެމްބަރު މަހު ތައިލެންޑާ ދެކޮޅަށެވެ. މި މެޗުން ފިލިޕީންސް ބަލިވީ 3-1އިންނެވެ.
ސައޫދީ އަރަބިއާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕުގެ ކޮލިފައިން ރާއްޖެ ހިމެނެނީ ގްރޫޕް އޭގަ އެވެ. މި ގްރޫޕުގައި ހިމެނެނީ ތަޖިކިސްތާނާއި ޕިލިޕީންސް އަދި ރާއްޖެ އާއި ޓިމޯ ލެސްޓާ އެވެ.
ރާއްޖެ އާއި ފިލިޕީންސް ވަނީ މިހާތަނަށް ފަސް ފަހަރު ބައްދަލުކޮށްފަ އެވެ. މީގެ ތެރެއިން ރާއްޖެ މޮޅުވީ 2009 ވަނަ އަހަރު މާލޭގައި ކުޅެގެންނެވެ.
އޭގެ ފަހުން ކުޅުނު ތިން މެޗުން ރާއްޖެ ބަލިވިއިރު އެންމެ ފަހުން ކުޅުނު މެޗުވީ އެއްވަރެވެ.




