ސަރުކާރުން އިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ރޭ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން އިމާރާތްކުރާ 55 ކައުންސިލްގެ ތެރެއިން ހއ، ހދ، ށ، ނ، ރ އަދި ދ އަތޮޅުގައި އިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އެ ރަަށްރަށުގެ ކައުންސިލްތަކަށް އެދިފައިވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިކަމަށް އިއުލާން ކުރެއްވުމުން، އެކަމަށް އިޖާބަދީ އެންމެ ފުރަތަމަ މަސައްކަތް ފަށާފައި ވަނީ އުތީމުކަމަށެވެ.
ހ.އ އުތީމުން ވަނީ ރަށު ކައުންސިލްގެ އައު އިމާރާތް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފައެވެ.
ބިޑްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެ އިޢުލާނާއި އެކު ގެޒެޓްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 2025 އޭޕްރިލް 01 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން info@utheem.gov.mv އަށް އީމެއިލް ކުރަން އެ އިއުލާނުގައި އެދިފައިވެއެވެ.
އެ އިއުލާނުގައި އިތުރަަށް ބުނެފައިވަނީ، އެ މުއްދަތުގެ ތެރޭގައި ބިޑު ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާފައި ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ.
ބިޑް ހުށަހެޅުން އޮންނާނީ 2025 އޭޕްރިލް 15 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގައި ހއ.އުތީމު ކައުންސިލްގެ އިދާރާގައި ކަމަށް އިއުލާންގައި ބުނެފައިވެއެވެ.



