ބަންގްލަދޭޝްގެ 54 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހަބުއްދީނާއި އެޤައުމުގެ ވަގުތީ ސަރުކާރުގެ އިސް މުޝީރު ޑރ. މުޙައްމަދު ޔޫނުސް އަދި އެ ޤައުމުގެ ހުރިހާ ރައްޔިތުންނަށްވެސް މިނިވަންދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ހަމަޖެހުމާއި އެއްބައިވަންތަކަން ދެމިއޮތުމަށް އުންމީދު ކުރައްވާ ކަމަށެވެ.
ތަފާތު ދާއިރާތަކުން އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމުގައި ދެމިތިބެ، ދެ ޤައުމަށްވެސް މަންފާ އިތުރުވާނޭ ފަދަ ގޮތެއްގައި ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ގާތްގުޅުން މުސްތަގުބަލުގައި އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ބަންގްލަދޭޝަށް މިނިވަންކަން ލިބިފައިވަނީ 1971 ވަނަ އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހުގައެވެ.




