އައްޑޫއަަށް ފޮނުވި އިންޖީނުގެ ހިދުމަތް ދެ ދުވަސް ތެރޭގައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އެކްސްގައި ދެންމެ ހިއްސާކުރި ޕޯސްޓުގައި ފެނަކައިން ބުނީ، އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް އިންޑިއާއިން ގެނެވުނު 1.8 މެގަވަޓް ގެ އައު އިންޖީނު ގެންދިޔަ ދޯނި މިހާރު ވަނީ އައްޑޫ އަށް ބަނދަރު ކޮށްފައި ކަމަށެވެ.
ފެނަކައިން ބުނި ގޮތުގައި އިންޖީނު އަންލޯޑްކޮށް ސެންޓްރަލް ޕަވަރ ސްޓޭޝަނަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
”48 ގަޑިއިރުތެރޭ މި އިންޖީނު އިންސްޓޯލްކޮށް ޚިދުމަތް ދޭން ފެށުމަށް ޓެކްނިކަލް ޓީމުން ދަނީ މަސައްކަތް ކުރަމުން.“ ފެނަކައިން ބުނެފައިވެއެވެ.
ފެނަކައިން އިތުރަށް ބުނީ ކަރަންޓުގެ ކެނޑުމުގެ ގިނަގުނަ ތަކުލީފުތަކާއެކުވެސް، އައްޑޫސިޓީގެ ލޮބުވެތި ރައްޔިތުން ކެތްތެރިކަން އިސްކުރައްވައި، ދައްކަވާ ފުރިހަމަ ނަމޫނާއާއި، މައްސަލަތައް ޙައްލުކުރުމަށް ކުންފުނިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ދެއްވާ އެއްބާރުލެއްވުން ފާހަގަކުރާ ކަމަށާއި، އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.
އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާން ފެށީ، އެ ސިޓީގައި ބޭނުންކުރަމުންދިޔަ 18 ޖަނަރޭޓަރުގެ ތެރެއިން، ގިނަ އިންޖީނުތަކެއް އޯވަހޯލް ނުކޮށް ދިގުލައިގެން ދިއުމުން އެޖަނަރޭޓަރުތައް ހަލާކުވުމުގެ ސަބަބުންނެވެ.
ލޯޑު ބޮޑުވެ އައްޑޫ ސިޓީގައި މިހާރު ކަރަންޓު ދެނީ، އެކި ގަޑިތަކަށް އެކި ހިސާބުތަކުން ކަރަންޓު ކަނޑާ އުސޫލުންނެވެ.
އައްޑޫ ސިޓީގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް މިކަމާ ގުޅިގެން އޮތްއިރު، ކަރަންޓު ކަނޑަންޖެހޭ މައްސަލަ ހައްލުކުރުމަށް ފެނަކައިން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.



