ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނެރެން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުސް މީހާ ސަސްޕެންޑުކޮށްފިއެވެ.
ފުލުހުން މީޑިއާ އަށް ރޭ ފޮނުވު މެސެޖުގައި ބުނީ މި މައްސަލައިގައި ހައްޔަރުކުރި ސާޖަންޓް ޔޫސުފް ނަޒީރު، މާރިޗު 26 ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް ފުލުހުންގެ ހިދުމަތުގެ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާއިރު، ބުދަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު އެ ދެ މީހުން ވަނީ ދޫކޮށްލައިފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ސިލްވަރނެސްޓް / މާލެ، އަޙްމަދު އަފްސަލް (45 އ) އާއި ދަފުތަރު ނަންބަރު އާރްއެސް 14358 / މާލެ، ޔޫސުފް ނަޒީރު (38 އ) އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




