ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި އިތުުރު އަށް ރަށުގައި ފުލުހުންގެ މަރުކަޒު އެޅުމަށް ތިން ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކޮށްފައިވަނީ، މި މާރިޗު މަހުގެ 13 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އިތުރު ހަ ރަށުގައި އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އިތުުރު އެއް ރަށާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ފަރާތުން އިތުރު އެއް ރަށުގައި ފުލުހުންގެ މަރުކަޒު އެޅުމަށެވެ.
ފުލުހުން ބުނީ، ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމާއެކު މި މަޝްރޫއުގެ ދަށުން އެމްޓީސީސީން 21 ރަށެއްގައި، އާރުޑީސީއިން 21 ރަށެއްގައި އަދި ފެނަކައިން 41 ރަށެއްގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއެކު ޖުމުލަ 83 ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކުރެވިގެންދާނެ ކަމަށެވެ.
މި އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް އަޙްމަދު ސަޢުދީއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔާޑް މުޙައްމަދު ނަޖާޙެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ އިމާރާތްތަކުގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ސަރަހައްދީ ފެންވަރުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތަކާއި، އަތޮޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތައް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.


