ރަމަޟާން މަހުގައި ފަރުޟު ފަސް ނަމާދު ޤަވާއިދުން ބަރާބަރަށް ކުރި ފަދައިން އެ މަހަށް ފަހުގައި ވެސް އެ ގޮތުގައި ދެމިހުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
”ރަމަޟާން މަހަށް ފަހު ހެޔޮ ޢަމަލުކުރުން މަތީ ދެމިތިބޭށެވެ.“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނި ގޮތުގައި ރަމަޟާން މަސް ނިމުނަސް އަޅުކަންތައް ހުއްޓާލުމަކީ މުއުމިނުންގެ ސިފައެއް ނޫނެވެ. އެހެނީ އަޅުކަމަކީ ވަކި މޫސުމަކަށް ޚާއްޞަވެގެންވާ ކަމެއް ނޫނެވެ. އިންސާނުން އުފެއްދެވުމުގެ މަޤްޞަދަކީ ﷲ އަށް އަޅުކަން ކުރުމެވެ.
ހުތުބާގައި ބުނީ ގިނަގިނައިން ތައުބާވެ، މާތް ﷲއަށް އިސްތިޣުފާރުކުރާށެވެ. އިސްތިޣުފާރުކުރުމަކީ، އެކަލާނގެ ހަޟުރަތުގައި، ފާފަ ފުއްސެވުމަށް އެދި ދެންނެވުން ކަމަށެވެ.
ހުތުބާގައި ބުނިގޮތުގައި އެކަލާނގެއީ ތައުބާވާ މީހުންގެ ތައުބާ ޤަބޫލުކުރައްވައި ފާފަފުއްސަވާ ރަސްކަލާނގެއެވެ. އެކަލާނގެއީ އެކަލާނގެ ކޯފާއަށް ވުރެ ރަޙުމަތް ތަނަވަސްވެގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ރަޙުމަތުގެ ދޮރުކޮޅަކީ އެ ދޮރުކޮޅުން ވަންނާން ބޭނުން ކޮންމެ މީހަކަށް ހުޅުވިފައިވާ ދޮރުކޮޅެކެވެ. އެ ކަމަށް ނޭދޭ މީހާ ފިޔަވައެވެ. އެ ފަދަ މީހަކަށް ތިބާ ނުވާށެވެ.
ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (أَحَبُّ الْأَعْمَالِ إِلَى اللهِ تَعَالَى أَدْوَمُهَا وَإِنْ قَلَّ) މާނައީ: ”މާތް ﷲ ގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، ކިތަންމެ މަދުންނަމަވެސް، އެ ޢަމަލެއްކުރުމުގައި ދެމިހުންނަ ޢަމަލެކެވެ.“
”ރަމަޟާން މަހުގައި ކުރެވުނު ހެޔޮ ޢަމަލުތައް، އޭގެ ފަހުގައިވެސް ދެމެހެއްޓުން މުހިންމެވެ. ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކުރުމާއި، ޤުރުއާން ކިޔެވުމާއި، އެހެނިހެން ހެޔޮ ޢަމަލުތައް ކުރުމުގައި ދެމިހުރުން މުހިންމެވެ. ކިތަންމެ މަދުން ނަމަވެސް، ޢަމަލު ކުރުމުގައި ދެމިހުރުމަކީ ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ ކަމެކެވެ.“ ހުތުބާގައި ބުންޏެވެ.
އަދި ރަމަޟާން މަހަށްފަހު ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަކީ މުޅި އަހަރު ރޯދަ ހިފުމުގެ ޘަވާބު ލިބޭނެ ކަމެއް ކަމަށާއި، ރަމަޟާން މަހު އަޅުކަމުގައި އިހުމާލުވެފައިވާނަމަ، އެއީ ތައުބާވެ ﷲ އަށް ރުޖޫޢަވުމުގެ ފުރުޞަތެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.



