ވެރިކަމުގެ ތިންވަނަ ދައުރެއް ކާމިޔާބު ކުރައްވަން ބޭނުންފުޅު ވަނީ އެ ޤައުމުގެ ކުރީގެ ރައީސް ބަރަކް އޮބާމާއާ ވާދަ ކުރައްވައިގެން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
2028 ވަނަ އަހަރުގެ އިންތިޚާބުގައި އޮބާމާއާ ދެކޮޅަށް ވާދަ ކުރެއްވުމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ އެއީ އޭނާ ވަރަށް އެދިލައްވާ ކަމެއް ކަމަށެވެ.
ނަމަވެސް އެމެރިކާގެ ޤާނޫނު އަސާސީގައި ވާގޮތުން އެއްވެސް ރައީސަކަށް ދެ ދައުރަށްވުރެ ގިނައިން ވެރިކަން ނުކުރެވޭނެއެވެ. އެހެންކަމުން، ތިންވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެއީ އެ ޤައުމުގެ ޤާނޫނު އަސާސީއާ ޚިލާފު ކަމެކެވެ.
ޓްރަމްޕް ވިދާޅުވެފައިވަނީ ތިންވަނަ ދައުރަކަށް ވާދަކުރެވިދާނެ ގޮތްތަކެއް ހުރި ކަމަށާއި، އޭގެ ތެރޭގައި ނައިބު ރައީސް ޖޭޑީ ވޭންސް މެދުވެރިކޮށް މަޤާމު ހޯއްދެވުމުގެ ފުރުސަތު ވެސް ހިމެނޭ ކަމަށެވެ. އަދި އިތުރު ގޮތްތައް ވެސް ހުރި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
”އަހަރެން ވަރަށް ބޭނުން. އެއީ ރަނގަޅު ކަމަކަށް ވާނެ. އަހަރެން އެކަން ބޭނުން. އަދި ސަޕޯޓަރުންވެސް އެދޭ އަހަރެން ވާދަކުރަން. އަދި ތިންވަނަ ދައުރަކަށް ކުރިމަތިލުމާ ބެހޭ ޕްލޭނެއް ވެސް އެބައޮތް.“ ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގެ ޤާނޫނުއަސާސީއަށް 1951 ގައި ގެނެވުނު އިސްލާހު އުވާލުމަށް ޤާނޫނުހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތާއި 38 ސްޓޭޓުގެ ރުހުން ބޭނުންވާތީ، މިއީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ.
ޓްރަމްޕްގެ ވާގިވެރިންގެ ވިސްނުން ހުރީ އޭނާއަށް ވެރިކަން ވާރުތަވާނެ ފަދަ ގޮތެއް ހޯދުމަށެވެ.




