ކޯޕާ ޑެލް ރޭގެ ސެމީ ފައިނަލްގައި ރެއާލް ސޮސައިޑެޑް އާއި ދެކޮޅަށް ރޭ ކުޅުނު މެޗުގެ އިތުރު ވަގުތުގައި ލަނޑު ޖަހައި ރެއާލް މެޑްރިޑުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗަށް ރޭ ނުކުތްއިރު، ފުރަތަމަ ލެގު ރެއާލް މެޑްރިޑުން ކާމިޔާބު ކޮށްފައި އޮތީ 1-0ގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާ އަނބުރާލަން ރޭގެ މެޗުގައި ސޮސައިޑެޑް މަސައްކަތް ކުރި ނަމަވެސް އިތުރު ވަގުތަށް ގޮސް، ނިމުނީ 4-4 ގެ ނަތީޖާއަކުންނެވެ. އެއާއެކު ރެއާލް ފައިނަލަށް ދިޔައީ 6-5 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ސޮސައިޑެޑްގެ އަންޑަރ ބަރެނެޓްކްސިއާއެވެ. އޭނާ 16 ވަނަ މިނެޓްގައި ޖެހި ލަނޑުން ރެއާލް މެޑްރިޑަށް އުނދަގޫވި ނަމަވެސް 15 މިނެޓް ފަހުން އެންޑްރިކް ޖެހި ލަނޑާއިއެކު ސްކޯ އެއްވަރު ކުރިއެވެ.
ނަމަވެސް ޕާބްލޯ މަރިން އަދި މިކެލް އޯޔާޒަބަލް މެޗުގެ ދެވަނަ ހާފުގެ 80 ވަނަ މިނެޓްގައި ޖެހި ލަނޑުތަކުން ސޮސައިޑެޑް އަށް މެޗުގެ ލީޑު ލިބުނެވެ.
އޭގެ ކުޑަ އިރުކޮޅެއް ފަހުން ޖޫޑް ބެލިންގހަމް އަދި އޯރެލިއަން ރެއާލް މެޑްރިޑަށް ދެލަނޑު ޖަހައިދިން ނަމަވެސް ސޮސައިޑެޑުން އިތުރު ވަގުތުގެ 3 ވަނަ މިނެޓްގައި ވަނީ ޓީމުގެ 4 ވަނަ ލަނޑު ޖަހައިދީފައެވެ.
ރެއާލް މެޑްރިޑު މޮޅުވި ލަނޑު ޖަހާފައިވަނީ ސަބްސްޓިޓިއުޓް އަރދާ ގުލަރ ނެގި ކޯނަރ ކިކަކުން އެންޓޯނިއޯ ރުޑިގަރއެވެ.
މި މިބާރާތުގައި ބާސެލޯނާ އަދި އެތުލެޓިކޯ ކުޅުނު ސެމީ ފައިނަލް މެޗުގެ ދެވަނަ ލެގު މިރޭ ރާއްޖެ ގަޑިން 12:30 ގައި އޮންނާނެއެވެ.
މި މެޗުން މޮޅުވާ ޓީމު ފައިނަލްގައި ކުޅޭނީ ރެއާލް މެޑްރިޑާއި ދެކޮޅަށެވެ.




