ބޮލިވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންގް އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ”މާ ކަސަމް ފިލްމްސް“ ގެ ދަށުން ޒޮމްބީ ފިލްމެއް އުފެއްދުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މި ފިލްމާއި ގުޅޭ މަޢުލޫމާތު ހާމަކުރި ޕިންކް ވިލާގެ ރިޕޯޓުން ބުނީ، މި ޒޮމްބީ ޕްރޮޖެކްޓް އަދި އޮތީ ސްކްރިޕްޓިން މަރުހަލާގައި ކަމަށާއި ސްކްރިޕްޓް މި އަހަރު ނިމުމުގެ ކުރިން ފައިނަލް ކުރާނެ ކަމަށެވެ.
އެ ރިޕޯޓުގައި ބުނީ ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތުގައި ރަންވީރު އަމިއްލައަށް ވެސް ބައިވެރިވަމުންދާނެ ކަމަށާއި، އޭނާގެ ޚިޔާލުތައް ހިއްސާކުރަމުންދާނެ ކަމަށެވެ.
މި ޒޮމްބީ ފިލްމުގައި ހަމައެކަނި އެކްޓު ކުރުމުގެ އިތުރުން، ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ރަންވީރު މަސައްކަތް ކުރާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ރަންވީރު މިހާރު އަންނަނީ ޑައިރެކްޓަރު އަދިތިޔާ ދާރުގެ ވަތަނީ ފިލްމު ”ދުރަންދާރު“ ގެ މަސައްކަތް ކުރަމުންނެވެ. ރަންވީރު އެންމެ ފަހުން ފެނިފައި ވަނީ ކަރަން ޖޯހަރްގެ 2023 ގެ ”ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ“ އިންނެވެ.
މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރަންވީރު، ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ ”ޑޮން 3“ ގެ މަސައްކަތް ފަށާނެ އެވެ.



