އެތުލެޓިކޯ އިން ރޭ ސެވިއްޔާ އާއި ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު ލަނޑު ޖަހައި މޮޅުވެއްޖެއެވެ.
ސްޕެނިޝް ލަލީގާގައި، ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗުން އެތުލެޓިކޯ މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ.
ލޫސިއަން އަގޫމީ، ފުރަތަމަ ހާފުގެ 7 ވަނަ މިނިޓުގައި ޖެހި ލަނޑުން ސެވިއްޔާ މެޗުގެ ލީޑު ނެގިނަމަވެސް، 25 ވަނަ މިނިޓުގައި އެތުލެޓިކޯއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އެތުލެޓިކޯއިން މެޗު އެއްވަރު ކުރިއެވެ. މި ޕެނަލްޓީ ޖަހައިދިނީ ޖޫލިއަން އަލްވާރެޒްއެވެ.
އެއަށްފަހު ބާރިއޯސް މެޗުގެ އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅުގައި ލަނޑު ޖަހައި އެތުލެޓިކޯ މެޑްރިޑް މޮޅުކޮށްދިނެވެ.
ލީގު ތާވަލަށް ބަލާއިރު، ކުޅުނު 30 މެޗުން ލިބުނު 67 ޕޮއިންޓާއެކުގައި ތާވަލްގެ އެއްވަނައިގައި އޮތީ ބާސެލޯނާއެވެ. ދެވަނައިގައި އޮތީ ކުޅުނު 30 މެޗުން ލިބުނު 63 ޕޮއިންޓާއެކުގައި ރެއާލް މެޑްރިޑެވެ.
ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 30 މެޗުން ލިބުނީ 60 ޕޮއިންޓެވެ.




