ލިވަޕޫލްގެ ތަރި މުހަންމަދު ސަލާހް އެ ކްލަބާއެކު އިތުރު ދެ އަހަރަށް މަޑުކުރުމަށް ނިންމައި އެއްބަސްވުން އާކޮށްފިއެވެ.
މި ސީޒަނާއެކު ނިމުމަކަށް އަންނަން އޮތް އެއްބަސްވުން އާކުރުމާމެދު ދެފަރާތުގެ މެދުގައި އެއްބަސްވުމަކަށް ނާދެވި އޮތުމުން، އޭނާ ލިވަޕޫލުން ބަދަލުވެދާނެ ކަމުގެ ބިރު އޮތެވެ.
ސަލާހް މިހާތަނަށް ލިވަޕޫލަށް ކުޅުނު 393 މެޗުގައި 243 ލަނޑު ޖަހައި، 109 ލަނޑު ޖެހުމަށް އެހީތެރިވެދީފައިވެއެވެ. މި ސީޒަންގައި އެކަނި 32 ލަނޑު ޖަހައި، އޭގެ ތެރެއިން 27 ލަނޑަކީ ޕްރިމިއާ ލީގުގައި ޖެހި ލަނޑެވެ.
އަދި މިހާރު ލިވަޕޫލް އޮތީ ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓްގެ ލީޑަކާއެކުއެވެ.
2017 ވަނަ އަހަރު ރޯމާއިން ލިވަޕޫލަށް ބަދަލުވި ސަލާހް، އެ ކްލަބާއެކު ޗެމްޕިއަންސް ލީގު، ޕްރިމިއާ ލީގު، އެފްއޭ ކަޕް، ލީގު ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވެއެވެ. އާ އެއްބަސްވުމާއެކު އޭނާ ލިވަޕޫލްގައި ޖުމްލަ 10 އަހަރު ހޭދަކުރާނެއެވެ.
ސަލާހްގެ އާ އެއްބަސްވުމުގެ އަގު އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިހާތަނަށް އޭނާއަށް އަހަރަކު 18.2 މިލިއަން ޑޮލަރުގެ މުސާރައެއް ލިބެމުން އައެވެ.



