ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން ރޭ ކުޅުނު މެޗުގައި ލެގާނޭސް 1-0 ގެ ނަތީޖާއަކުން ބަލިކޮށްފިއެވެ.
މި މޮޅާއެކު ބާސާ އިން ވަނީ 31 މެޗުން 70 ޕޮއިންޓް ހޯދައި، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށްވުރެ 7 ޕޮއިންޓް ކުރިއަށް ގޮސްފައެވެ.
މެޗުގެ ހަމައެކަނި ޖެހި ލަނޑު ޖެހުނީ ދެވަނަ ހާފުގައި ހޯޒޭ ސަންޗޭސް އަތުން އަމިއްލަ ގޯލަށެވެ. މިއީ ފުރަތަމަ ހާފުގައި ބޯޅަ ކޮންޓްރޯލް ކުރި ނަމަވެސް ބާސާއަށް ލަނޑެއް ނުޖެހި ދިޔަ މެޗެކެވެ.
ބާސާގެ ގޯލް ކީޕަރު އަދި ޑިފެންޑަރު މާޓިނެޒްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގެ އެންމެ މޮޅު ކުޅުން ތެރިޔާގެ މަގާމު ލިބުނީ ބާސާގެ ގޯލް ކީޕަރަށެވެ.
މެޗުން މޮޅުވި ނަމަވެސް، ބާސެލޯނާގެ ކަންބޮޑުވުމަކަށްވީ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ޑިފެންޑަރު، އަލެހަންދްރޯ ބާލްޑޭ އަށް އަނިޔާވެ ބަދަލު ކުރަން ޖެހުމުންނެވެ. ރިޕޯޓުތަކުން ބުނާގޮތުގައި ބާލްޑޭއަށް ލިބުނު އަނިޔާގައި 2 ނުވަތަ 3 ހަފްތާއަށް ކުޅުމާއި ދުރުގަ ހުންނަން ޖެހި، މުހިއްމު މެޗު ތަކެއް ގެއްލޭނެއެވެ.
ބާސާ އިން އެންމެފަހުން ކުޅުނު 24 މެޗުގައިވެސް ބަލިވެފައި ނުވާއިރު، މި މެޗަށް ފަހު ލީގު ތާވަލުގެ ދެވަނާގައި އޮތް ރެއާލް މެޑްރިޑަށް ބާސާ އާ އަރާ ހަމަކުރަން އުނދަގޫވާނެއެވެ.
ރެއާލް ދެން ކުޅޭނީ އަލަވެސްގެ ދަނޑުގައި އަލަވެސް އާއި ދެކޮޅަށެވެ.




