ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި މިރޭ އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް ސެމީ ފައިނަލަށް ދިއުމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.
މި ދެ ޓީމު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އާސެނަލްގެ ދަނޑުގައި ކުޅުނު މެޗުން ރެއާލް މެޑްރިޑް ވަނީ 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.
މި މެޗުން ރެއާލް މެޑްރިޑް ސެމީ ފައިނަލަށް ނުގޮސްފި ނަމަ، އެންޗެލޮޓީ މި ސީޒަން ނިމުމުން ރެއާލް މެޑްރިޑްގެ ކޯޗުކަމުން ވަކިކުރާނެ ކަމަށް ސްޕެއިންގެ މީޑިއާތަކުގައި ވަނީ އަޑުތައް ފެތުރިފައެވެ.
”މިއީ އަހަރެން ބޮޑު މެޗަކަށް ނިކުންނަ ފުރަތަމަ ފަހަރެއް ނޫން. އަދި މިއީ އަހަރެން ބޮޑު މެޗަކަށް ނިކުންނާނެ އެންމެ ފަހު ފަހަރު ވެސް ނޫން،” މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން އެންޗެލޮޓީ ބުންޏެވެ.
ފަސް ފަހަރު މަތިން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް މުބާރާތުގެ އެންމެ ކާމިޔާބު ކޯޗުގެ މަގާމުގައި ހުންނެވި އެންޗެލޮޓީ ބުނީ ރެއާލް މެޑްރިޑަކީ މީގެ ކުރިންވެސް ތަފާތު ބޮޑެތި ނަތީޖާތައް އަނބުރާލުމުގެ ގާބިލުކަން ހޯދާފައިވާ ޓީމެއް ކަމަށެވެ.
އަދި މި މެޗުން އެންޗެލޮޓީގެ ޓީމު މޮޅު ނުވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް އޭނާ ބުންޏެވެ.
އެންޗެލޮޓީ ބުނީ އޭނާ ހުންނެވީ އިސްއުފުލައިގެން މި މެޗު ކާމިޔާބުކޮށް ސެމީ ފައިނަލަށް ޓީމު ގެންދިއުމުގެ އަޒުމުގައި ކަމަށެވެ.



