ހދ. މަކުނުދޫގައި 8 މަހުގެ ތުއްތު ފިރިހެން ކުއްޖަކު އިއްޔެ މާލެ ގެނެސް ފަރުވާ ދޭން ފަށައިފިއެވެ.
މި ހާދިސާއާ ގުޅޭގޮތުން ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން މަކުނުދޫ ކައުންސިލު ރައީސް އައުޒަމް އާދަމް ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
”އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެދުވަހު ފަތިހު ސައިހަދަން ހޫނު ފެންކައްކާފަ ބަހައްޓާފަ ހުއްޓާ، އެ ކުރާ ބަހައްޓާފައި ހުރި ފޮތިކޮޅަށް ކުއްޖާ ދަމާލުމުން ކުރާ ވެއްޓުނީ. ކުއްޖާގެ ގަޔަށް ހޫނު ފެން ބަންޑުމެއް ނުވޭ، ނަމަވެސް ހޫނު ފެން ބުރައިގެން ގޮސް ފިހިފައިހުރީ“ އައުޒަމް ވިދާޅުވިއެވެ.
ކައުންސިލު ރައީސް ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގުމާއެކު ފަރުވާ ހޯދުމަށް ވަގުތުން އެ ކުއްޖާގެ އައިލާއިން ވަނީ، އެ ކުއްޖާ ގޮވައިގެން ސިއްހީ މަރުކަޒަށް ގޮސްފައެވެ. އަދި އިތުރު ފަރުވާއަށް އާއިލާގެ ފަރާތުން އަމިއްލައަށް އިއްޔެ މާލެ އައިސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކުއްޖާގެ އާއިލާގެ ފަރާތުން އެހެން ނޫހަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެކުއްޖާ ގޮވައިގެން މާލެ އައިސް އައިޖީއެމްއެޗުގެ ޑޮކްޓަރަށް ދެއްކުމުން، ކުއްޖާގެ ގައިން 5-6 ޕަސެންޓު ފިހިފައިވާ ކަމަށް ކަމަށެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، 8 މަހުގެ ފިރިހެން ކުއްޖަކު ފިހިގެން، ވޯޑުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.




